މިހާރަކަށް އައިސް ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހަކު ބޭނުންވާ ގޮތަކަށް ކަންކަން ކޮށްފައި އެކަމުން ހޯދެން އޮތް އެންމެ ބޮޑު ފައިދާވެސް ހޯދާށެވެ! މީގެ އިތުރުން ދެކެނީ ކޮންމެ މީހަކީވެސް އޭނާއަށް ބޯލަނބައި ކިޔަމްނަތެރިވާންޖެހޭނެ މީހަކު ކަމުގައެވެ. އެންމެންވެސް އޭނާކުރާ ކޮންމެ ކަމަކަށް ރުހި ޤަބޫލުވާންޖެހޭނެކަމަށެވެ.
މިއީ ކޮންތާކުން ކޮންގޮތަކުން ހޯދައިގެން އުޅޭ ވިސްނުމެއްކަން އެނގޭނެ ގޮތެއް ނެތް ނަމަވެސް ދުނިޔޭގައި މިއަދު އެންމެ ބޮޑަށް ފެތުރިފައިވަނީ މިވިސްނުމެވެ. "މަމީ އެންމެ މޮޅު، އެންމަށް ޖެހޭނީ އަހަރެންނަށް ރުހެން! އަހުރެންނަށް އުފާހޯދައިދޭން" ކަމުގެ ވިސްނުމެވެ.
މިސިޔާސަތު އަނބިންގެ މައްޗަކަށް ނުހިންގޭނެއެވެ. އަދި އެއްވެސް އަންހެނެއްގެ މައްޗަކަށް ނުހިންގޭނެއެވެ. ސަބަބަކީ އެމީހުންގެ ހިތަށް އަނިޔާކޮށްފިނަމަ ބައެއް ސަބަބުތައްޓަކައި އެމީހުން ވަކިވެގެން ނުގޮސް ތިބި ނަމަވެސް އެހިސާބުން އެމީހުންގެ ލޯތްބާއި އަޅައިލުން ދިނުން ނުވަތަ "ހިތުލޯބިން ކަންކަން ކޮށްދިނުން" އޮންނާނީ ގެއްލިފައެވެ. އެހިސާބުން ކަންކަން ކޮށްދޭނީ މުޅިން ތަފާތު ގޮތަކަށެވެ. ކޮންމެ ކަމެއްވެސް ކޮށްދޭނީ ކަމަކަށް ކަމެއް ކޮށްދޭ އުޞޫލުންނެވެ. މަޖުބޫރު ޙާލަތުގައި ކަންކަން ކޮށްދޭނެ ގޮތަށެވެ.
ކަންކަން ހިނގާ ގޮތް ނިކަން ރަނގަޅަށް ބަލައިލަބަލާށެވެ! މިބުނާ ޒާތަށް އެކަނބަލުންގެ ހިތަސް އަނިޔާކުރުމުން ވާފޫހީގައި ޒުވާން އަންހެން ކުދިން ފިރިންނާއި ދުރަށް ޖެހޭ މިންވަރު އެނގޭ ހެއްޔެވެ؟ ނުހަނު ލޯބިން ކުރިން އެއްދާން ކުރިނަމަވެސް ފަހުން އެކަންވެސް ވަޒީފާއެއް އަދާކުރާހެން ކުރާ އަންހެނުން މަދެއްނޫނެވެ. އަހުރެމެން ދެމަފިރިންވެސް ކޮންމެ ދުވަހަކުހެން އެފަދަ އެތައް ބައެއްގެ މައްސަލަތައް ޙައްލުކުރަން އެބަ އެހީތެރިވަމުއެވެ. ވީމާ މިވާހަކަތައް މިދައްކަނީ ވަރަށް ޔަޤީންކަމާއިއެކުގައެވެ.
ހިތުލޯބި ދިނުމުގައި މިފަދަ މައްސަލަތައް ކުރިމަތިވަނީ އެއީ މާބޮޑުކަމެއް ނޫންކަމަށް ދެކިގެން ކުރެވޭ ކަންކަމުގެ ސަބަބުންނެވެ. ކޮންމެ ފިރިއަކީ ބައްދަލުވާ ކޮންމެ އަންހަނަކާ ޒިނޭކުރާ ފިރިހެނަކަށްނުވެދާނެއެވެ. ނަމަވެސް ލިބޭ ކޮންމެ ފުރުޞަތެއްގައިވެސް ކޮންމެވެސް މިންވަރެއް ލިބިގަންނަން ބޭނުންވާ ފިރިން ވަރަށް ގިނަވާނެއެވެ.
ދެންމިވާ ގޮތަކީ އެކަންކަން ސިއްރެއްވެސް ނުވެއެވެ. އަނބިމީހާ އާއި ހަމައަށް ދެއެވެ. ދަމުންދަމުން ގޮސް މައްސަލަތައް މާގިނަވީމާ ފޫހިވާން ފަށަނީއެވެ. އަނެއްބައި އަނބިންނަށް ކުރިމަތިވާ ގޮތް މާނުރައްކަލެވެ. ފިރިމީހާގެ އެބާވަތުގެ އެއްވެސް ކަމެއް ނުއެނގޭތީ ވަރަށް ބޮޑަށް އިތުބާރުކޮށްގެން ހުއްޓައި ކުއްލިއަކަށް އެތައް ބައިވަރު ކަންތައްތަކެއް އެއްފަހަރާ އެނގުމުން، ނުވަތަ ދިރިއުޅުން ފަނުފުލުންދާވަރުގެ ބޮޑުކަމެއް އެނގުމުން ހިތުގެ ދިރުން ގެއްލި ހިތް މަރުވަނީއެވެ.
މިފަދަ ކަންކަން އަނބިންގެ ފަރާތުން ކުރިމަތިވުމުން ފިރިހެނުންނަށްވެސް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ. ނަމަވެސް ފިރިހެނުންގެ ކިބައިގައި ކޮންޓްރޯޅުކުރުމުގެ ހިތްވަރު ގަދަވަނީ މުޅިން ތަފާތު ސަބަބެއް އޮންނާތީއެވެ. އެއީ (ރަނގަޅު) އަންހެނުން ފަދައިން ފިރިހެނުން އެމީހުންގެ ހިތް އެކުގައި އަނބިމީހާއަށް ދެނީ ވަރަށް މަދު މީހަކު ކަމުގައިވާތީއެވެ.
ދެންވާގޮތަކީ ފިނިކޮށްލަން މަޑުކޮށްލަން ހިޔާ ލިބޭ ކޮންމެ ގަހެއްވެސް އޮންނަނީ ރަނގަޅު ގަހަކަށްވެފައެވެ. ނަމަވެސް މިއީ (ރަނގަޅު) އަންހެނުން ނާއި މުޅިން ތަފާތު ގޮތެކެވެ. ރަނގަޅު އަންހެނަކު ހުންނާނީ އޭނާގެ ހިތް އެކުގައި ފިރިމީހާއަށް ދީގެންނެވެ. އެހެން ހުއްޓައި މިބުނި ފަދަ ޙާލަތު ކުރިމަތިވުމުން ހިތް ބޮމެއް ފަދައިން ގޮވަނީއެވެ.
އަހުރެން ޚާއްޞަކޮށް ފިރިންގެ ގާތުގައި ބުނެލަން އޮތީ އަނބިމީހާ އާއިކު ޒަވާޖީ ޙަޔާތް ކުރިއަށް ގެނއދިއުމުގެ ނިޔަތް ބާއްވައިގެން ހުރިނަމަ އަނބިމިހާގެ ހިތަށް އަނިޔާނުކުރާށެވެ. ހިތްހަލާކުކޮސްލުމަށްފަހު ކުރިން ލިބުނު ފަދަ އުފާވެރިކަމެއް ލިބުން ވާނީ ވަރަށް ނާދިރު ކަމަކަށެވެ!
- އަޒްލިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް
ކިތަންމެ ރަނގަޅު އަންތބަކަށްވިޔަސް އޭނާގެ ހިތަށް އަނިޔާކޮށްފަ ލޯބިދޭން އެދުނަސް އެކަމެއް ނުކުރެވޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ