އަހަރަކަށް ވުރެ ގިނަ ދުވަހު ވާނުވާ ބަންދުގައި ތިބި ގިނަ ބައެއްގެ މައްސަލަތައް އަންނަ މާޗަށް ނިމޭނެ: ރައީސް

ޝަރީއަތް ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް ޖަލުގައި 'ވާނުވާ ބަންދު'ގައި ތިބި މީހުންގެ ތެރެއިން އަހަރަކަށް ވުރެ ގިނަ ދުވަހަށް ދެމިގެންގޮސްފައިވާ މައްސަލަތައް އަންނަ މާޗުގެ ކުރިން ނިމޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހުޅުމާލެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާނުވާ ބަންދާ ބެހޭ ގޮތުން އާންމުންގެ މީހަކު ސުވާލުކުރުމުން ރައީސް ރޭ ވެސް ވިދާޅުވީ އެ މައްސަލަ ހައްލުވާން ދެން މާ ގިނަ ދުވަހެެއް ނުވާނެ ކަމަށެވެ.
"މިއީ އެތައް އަހަރެއް ވެފައި ހުރި ކަންކަން. އަޅުގަނޑު ކުރީ ރެއަކު ތަފްސީލު ދެންނެވީ. މީގެ ތެރެއިން އެއް އަހަރު ވެފައި ތިބި ގިނަ މީހުންގެ މައްސަލަތައް ކުރިއަށް އޮތް ތިން މަހެއްހާ ދުވަސް ތެރޭ އެއްކޮށް އެ ކޯޓު މަރުހަލާތައް ނިމި ކޮންމެވެސް ގޮތެއް ނިމޭ އެބަ. ދެން ހުރި މައްސަލަތައް ވެސް ނިމޭނެ. އެހެންވީމާ މާ ގިނަ ދުވަހެއް ދެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މީގެ ކުރިން ވިދާޅުވި ގޮތުގައި ވާނުވާ ބަންދުގައި މިހާރު ތިބީ 343 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
މަރުގެ މައްސަލަތަކުގައި 29 މީހުން
މާރާމާރީގެ ކުށުގައި 70 މީހުން
މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި 116 މީހުން
ޓެރަރިޒަމްގެ ކުށުގައި 20 މީހުން
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި 117 މީހުން
މީގެ އިތުރުން، އެއް ޖިންސުން ގުޅުން ހިންގުން، ހަށިވިއްކުން، ތަންތަނުގައި ރޯކުރުން، ރަހީނުކުރުން، ގެވެށި އަނިޔާ، ހަތިޔާރު ބޭނުންކޮށްގެން ވައްކަން ކުރުން އަދި މަނީ ލޯންޑަރިން ފަދަ މަައްސަލަތަކުގައި ވެސް ގިނަ ބަޔަކު ވާނުވާ ބަންދުގައި ތިބި ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ