ދެ މަސް ފަހުން އެންޑީއޭގެ ޗެއާޕާސަންކަމަށް ސިއްދީގު ހަމަޖައްސައިފި
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ކަމުގެ މަގާމު ހުސްކޮށް އޮންނަތާ ދެ މަހެއްހާ ދުވަސްފަހުން, ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު އެ މަގާމަށް އައްޔަންކޮށްފިއެވެ. އެންޑީއޭއިން މިއަދު ކުރި ޕޯސްޓެއްގައިވަނީ އެ އެޖެންސީގެ ޗެއާޕާސަންކަމަށް ސިއްދީގު ހަމަޖެއްސުމާއެކު އޭނާއަށް މަރުހަބާ ކިޔައިފައެވެ. ސިއްދީގަކީ ގާނޫނީ ދާއިރާއަށް ޚާއްސަ ވަކީލެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް ސަރުކާރުގައި އޭނާއަކީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. މި ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިހާތަނަށް އޭނާ އިސްކޮށް އުޅުއްވަމުން އައީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ހިންގެވުމުގައެވެ. މި ސަރުކާރުގައި އެންމެ ފުރަތަމަ އެ އެޖެންސީގެ ޗެއާކަން ކުރެއްވީ، އެންމެ ފުރަތަމަ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ލުބްނާ ޒާހިރެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރެއެވެ. ނަމަވެސް މިދިޔަ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ލުބްނާ ފޮރިން މިނިސްޓްރީއަށް ވަނީ ބަދަލުކޮށްފައެވެ. އެއާއެކު އެންޑީއޭގެ ޗެއާޕާސަންކަމުން ވެސް އޭނާ ވަނީ ވަކިވެވަޑައިގެންފައެވެ. އެންޑީއޭއިން އަދިވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ފަރުވާ ނުލިބޭކަމުގެ ކަންބޮޑުވުންތަކާއި، ޝަކުވާތައް މި ދާއިރާގެ ފަންނީ މީހުން އަންނަނީ ކުރަމުންނެވެ. އަދި އެންޑީއޭގެ ރިހެބިލިޓޭޝަން ސެންޓަރުތަކުގެ ހާލަތާއި، އެ ތަންތަނުން ލިބޭ ފަރުވާގެ ފެންވަރާމެދު ވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ