ޔޫޓިއުބުގެ ގަވާއިދުތަކާ ޚިލާފުވެގެން ފަސް މިލިއަނަށްވުރެ ގިނަ ވީޑިއޯ ނަގައިފި

ޔޫޓިއުބުން ކަނޑައަޅާފައިވާ ގަވާއިދުތައް ނުވަތަ ކޮމިއުނިޓީ ގައިޑްލައިނާ ޚިލާފުވެގެން، މިއަހަރުގެ ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ޕްލެޓްފޯމުން 5.6 މިލިއަން ވީޑިއޯ ނަގާފައިވާ ކަމަށް ޔޫޓިއުބްއިން ބުނެފިއެވެ. ޔޫޓިއުބްގެ ބްލޮގް ޕޯސްޓެއްގައިވާ ގޮތުން އެ ތިން މަސް ދުވަހުގެ ތެރޭގައި އެކިކަހަލަ ވީޑިއޯތައް ފުހެލުމަށް އެދި އެ ޕްލެޓްފޯމަށް ގާތްގަނޑަކަށް 271،000 ޝަކުވާ ލިބިފައިވާކަމަށެވެ. އަދި ޔޫޓިއުބުން ނެގި ވީޑިއޯތަކާ ގުޅިގެން، އެ ވީޑިއޯތައް އުފެއްދި ފަރާތްތަކުން ހުށަހެޅި މައްސަލަތައް ބަލައި 29،000 ވީޑިއޯއެއް އަލުން ޕޯސްޓު ކުރުމުގެ ފުރުސަތު ދިން ކަމަށް ޔޫޓިއުބްއިން ބުންޏެވެ. ޔޫޓިއުބްގެ ގްލޯބަލް ހެޑް އޮފް ޓްރަސްޓް އެންޑް ސޭފްޓީގެ ވައިސް ޕްރެޒިޑެންޓް މެޓް ހަލްޕްރިން އާއި ޔޫޓިއުބްގެ ޕްރޮޑަކްޓް މެނޭޖްމަންޓްގެ ވައިސް ޕްރެޒިޑެންޓް ޖެނިފާ ފްލެނެރީ އޯކޮނާ ގުޅިގެން ލިޔެފައިވާ ބްލޮގް ޕޯސްޓުގައި ބުނީ މި އަހަރުގެ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޮންމެ 10،000 ވިއުއަކަށް 10އާއި 11އާ ދެމެދުގެ މިންވަރަކަށް ގަވާއިދާ ހިލާފު ކޮންޓެންޓްތައް ޔޫޓިއުބްގައި ހުރިކަމަށެވެ. ޔޫޓިއުބުން ކަނޑައަޅާފައިވާ ކޮމިއުނިޓީ ގައިޑްލައިންތަކަކީ ބަހާއި ޚިޔާލު ފާޅުކުރުމާ ގުޅޭ ގައިޑްލައިންތަކަކަށްވާއިރު، އެ ގަވާއިދުތަކުގެ މައިގަނޑު އެއް އަމާޒަކީ ޔޫޓިއުބު ވީޑިއޯއާއި ޕޯސްޓްތަކުގެ ސަބަބުން އިޖްތިމާއީ އާންމު މަސްލަހަތަށް ލިބިދާނެ ގެއްލުމެއް ހުއްޓުވުމެވެ. ޔޫޓިއުބުން ބުނީ އެ ކުންފުނީގެ ސިޔާސަތުތަކަށް ގެންނަ އިސްލާހުތަކަށް މައުލޫމާތު ހޯދުމަށް އެންޖީއޯތަކާއި އިލްމުވެރިންގެ އިތުރުން އެކި ގައުމުތަކުގެ ކަމާ ބެހޭ މާހިރުންނާ ގުޅިގެން މަސައްކަތް ކުރާ ކަމަށެވެ. "ތަފާތު ސިޔާސަތުތަކުގެ ސަބަބުން ކުރާނެ އަސަރުތައް ދެނެގަތުމަށް ޓަކައި އެތައް ސަތޭކަ ވީޑިއޯއެއް އަޅުގަނޑުމެން ބަލަން. ސިޔާސަތު ކަނޑައަޅަނީ އެންމެ ވީޑިއޯއަކަށް ނޫން، އެއީ ހުރިހާ ވީޑިއޯއަކަށް އަސަރު ކުރާނެ ކަމެއް،" ބްލޮގްޕޯސްޓްގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ