ކަރަންޓު ޚަރަދު ކުޑަކުރުމަށް ބަންގްލަދޭޝްއިން ފިޔަވަޅުތަކެއް އަޅައިފި

ކަރަންޓު ޚަރަދު ކުޑަކުރުމުގެ ގޮތުން ކޮންމެ ހަފްތާއަކު އިތުރު އެއް ދުވަހަށް ސްކޫލްތައް ބަންދުކޮށް އޮފީސްތަކުގައި ތިބޭ ވަގުތު މަދުކުރަން ބަންގްލަދޭޝްއިން ނިންމައިފިއެވެ.
މީގެކުރިން ހަމައެކަނި ހުކުރު ދުވަހު ބަންދުކޮށްފައި ހުންނަ ސްކޫލްތައް މިހާރު ހޮނިހިރު ދުވަހުވެސް ބަންދުކުރާނެކަމަށް ބަންގްލަދޭޝްގެ ކެބިނެޓް ސެކްރެޓަރީ ޚަންޑްކެރް އަންވަރޫލް އިސްލާމް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ސަރުކާރުގެ އޮފީސްތަކާއި ބޭންކުތައް ދުވާލަކު 8 ގަޑިއިރުގެ ހުޅުވާފައި ބެހެއްޓުމުގެ ބަދަލުގައި، ދުވާލަކު 7 ގަޑިއިރަށް ހުޅުވާފައި ބަހައްޓަންވެސް ވަނީ ނިންމާފައެވެ. ނަމަވެސް އަމިއްލަ އޮފީސްތައް ހިންގާނެ ގަޑިތައް އަމިއްލައަށް ކަނޑައެޅުމުގެ ހުއްދަ ދޭނެކަމަށް އިސްލާމް ވިދާޅުވިއެވެ. ބަންގްލަދޭޝްއިން މިދިޔަމަހު ދުވާލަކު ދެ ގަޑިއިރަށް ކަރަންޓް ކަނޑާލަން ވަނީ ފަށާފައެވެ. އެގައުމުގެ ގިނަ ސަރަހައްދުތަކަކީ ދުވާލަކު ދެގަޑިއިރަށް ވުރެ ގިނައިރު ކަރަންޓް ނުލިބޭ ސަރަހައްދުތަކެވެ.
ސަރުކާރުން ޕެޓްރޯލްގެ އަގު %50 އަށްވުރެ މައްޗަށް އުފުލުމުން މިދިޔަ ހަފްތާ ތެރޭގައި އެ ގައުމުގައި ވަނީ މުޒާހަރާކޮށްފައެވެ.
ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ތެޔޮ އެތެރެކުރުމަށް ކުރާ ހަރަދު ބޮޑުވެ، ބަންގްލަދޭޝްގެ އިގްތިސާދަށާއި ބޭރު ފައިސާގެ ރިޒާވަށް ވަނީ އަސަރުކޮށްފައެވެ. އަދި ބޭރު ފައިސާގެ ރިޒާވް ގާތްގަނޑަކަށް 40 ބިލިއަން އެމެރިކާ ޑޮލަރަށް ވަނީ ދަށްވެފައެވެ.
އެގައުމުގެ ކަރަންޓުގެ ބޮޑު ބައެއް އުފައްދަނީ ގުދުރަތީ ގޭހުން ކަމަށާއި އޭގެތެރެއިން ބައެއް އެމީހުން އިމްޕޯޓުކުރެއެވެ.
ތެޔޮ އެތެރެކުރުމަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމުގެ ސަބަބުން ބަންގްލަދޭޝްގެ ކަރަންޓުގެ %6 ވަރަކަށް ހިއްސާކުރާ އެގައުމުގެ ޑީސަލް އިންޖީނުގެ ހުރިހާ އިންޖީނުގެއެއް މިހާރު ވަނީ ބަންދުކޮށްފައެވެ.
މިމަހުގެ ކުރީކޮޅު ޕެޓްރޯލްގެ އަގު %50 އަށްވުރެ މައްޗަށް އުފުލިފައިވާއިރު، ތެލުގެ އަގު ލީޓަރަކަށް 86 ޓާކާއިން 130 ޓާކާއަށް ވަނީ ފުލިފައެވެ. ހަމައެއާއެކު ޑީސަލާއި ކަރާސީނުގެ އަގުވެސް ވަނީ %40 އަށްވުރެ މައްޗަށް އުފުލިފައެވެ.
ޖުލައިމަހު ބަންގްލަދޭޝް ވެގެންދިޔައީ ސްރީލަންކާ އާއި ޕާކިސްތާނަށްފަހު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ލޯނަށް އެދުނު ދެކުނު އޭޝިއާގެ 3 ވަނަ ގައުމަށެވެ.
ލޯނުގެ ސައިޒު އަދި ނިންމާފައިނުވާއިރު، އޮކްޓޯބަރުމަހު ބާއްވާ ވޯލްޑް ބޭންކާއި އައިއެމްއެފްގެ ސްޕްރިންގް ބައްދަލުވުންތަކަށްފަހު މަޝްވަރާތައް ފެށޭނެކަމަށް ބެލެވެއެވެ.
ފާއިތުވި އަހަރުތަކުގައި 416 ބިލިއަން އެމެރިކާ ޑޮލަރުގެ އިގްތިސާދެއް އޮތް ބަންގްލަދޭޝްގެ އިގްތިސާދަކީ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ އިގްތިސާދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ