އެފްއޭއެމްގެ އިމާރާތް ބޭނުންކުރަމުންދާ އެހެން ފަރާތްތަކުގެ ބިލުތަކަށް ޒިންމާ ނަގަން ނުޖެހޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.
އެފްއޭއެމުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ތިން އަހަރުގެ ކަރަންޓު ބިލުތަކަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން ސްޓެލްކޯއިން މިއަދު ވަނީ އެ އެސޯސިއޭޝަން ހިންގާ އިމާރާތުން ކަރަންޓު ކަނޑާލައިފަ އެވެ.
އެކަމާ ގުޅިގެން އެފްއޭއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ, އެ އެސޯސިއޭޝަންގެ އިދާރާ މިދިޔަ މަސްތަކުގައި ގިނަ ބަޔަކު ބޭނުންކޮށްފައިވާ ކަމަށާއި އެ އެންމެންގެ ބިލުތަކަށްވާ ފައިސާ އެފްއޭއެމުން ނަގަން ނުޖެހޭނެ ކަމަށެވެ.
“ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އެފްއޭއެމްގެ އިދާރާ އެފްއޭއެމް ހައުސް ވަނީ ތަފާތު އެކި ފަރާތްތަކުން ތަފާތު އެކި ބޭނުންތަކަށް ބޭނުންކޮށްފަ. ކޮވިޑްގެ އާލަމީވަބާގެ ތެރޭގައި 2020 ވަނަ އަހަރު ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ވަނީ މި އިމާރާތް ބޭނުން ކޮށްފަ. އަދި އޭގެފަހުން ސްކައުޓް އެސޯސިއޭޝަންގެ އިދާރާ ހިންގުމަށް މިހާރުވެސް މިއިމާރާތް އަންނަނީ ބޭނުންކުރަމުން. އެހެންކަމުން, މި ފަރާތްތަކުން އެކިއެކި ބޭނުންތަކަށް މިއިމާރާތް ބޭނުންކުރެވުނު މުއްދަތުގައާއި އަދި މިހާރުވެސް އެފްއޭއެމް ނޫން އެހެން ފަރާތްތަކުން މި އިމާރާތް ބޭނުންކުރުމުގައި ކަރަންޓާއި ފެން ފަދަ ވަސީލަތްތައް ބޭނުންކުރުމުގައި ހިނގާ އެއްވެސް ހަރަދަކީ އެކަމުގެ ޒިންމާ އެފްއޭއެމް ނަގަން ޖެހޭނެ ކަމެއްކަމުގައި މި އިދާރާއިން ނުދެކެން،” އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެފްއޭއެމުން ބުނީ, ސްޓެލްކޯގެ އިހުމާލުން 2019 ވަނަ އަހަރާ ހަމައަށް 1.9 މިލިއަން ރުފިޔާ ކަރަންޓުގެ ހަރަދަށް ބިލު ކޮށްފައިވަނީ ނުބައިކޮށް ކަމަށް އެއްބަސްވެފައިވީ ނަމަވެސް, މިއަދާ ހަމައަށްވެސް އެ މައްސަލަ ހައްލުކުރަން ސްޓެލްކޯއިން މަސައްކަތް ނުކުރާ ކަމަށެވެ. އެހެންކަމުން އެކަންކަން ނުބަލައި, ސްޓެލްކޯއިން މިއަދު އެ އެސޯސިއޭޝަނާ ދެކޮޅަށް އެޅި ފިޔަވަޅަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
އެފްއޭއެމްގެ ބަޔާނުގައި އިތުރަށް ބުނީ ކަރަންޓް ބިލުތަކުގެ މައްސަލަ ހައްލުކުރުމަށް ޕްރޮޕޯސަލްއެއް ހުށައަޅާފައި ވަނިކޮށް އިތުރު އެއްވެސް މަޝްވަރާއަކާ ނުލައި، ކުއްލައަކަށް ކަރަންޓް ކަނޑާލީ އިހުލާސްތެރި ނިޔަތެއްގައި ނޫން ކަމަށެވެ. އަދި ބުނީ މައްސަލަ ހައްލުކުރުމުގައި އެއިދާރާގެ ފަރާތުން އެއްބާރުލުން ދޭން ތައްޔާރު ކަމަށާއި ސްޓެލްކޯގެ އެއްބާރުލުންވެސް އެކަމަށް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ކަރަންޓު ކަނޑާލީ އިހުލާސްތެރި ނިޔަތުގައެއް ނޫން، ބިލުތަކަށް ޒިންމާއެއް ނުވާނަން: އެފްއޭއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ