އެމާ ބަލިކުރުން ސަބަލެންކާ އަށް މާ ބޮޑު ކަމަކަށް ނުވި އެމާ ބަލިކުރުން ސަބަލެންކާ އަށް މާ ބޮޑު ކަމަކަށް ނުވި

ލަންޑަން (ޖުލައި 5) - މިހާރު ކުރިއަށްދާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ގަދަ 32 ކުޅުންތެރިން ވާދަކުރާ ބުރުގައި، ދުނިޔޭގެ އެއް ވަނަ، ބެލަރޫސްގެ އަރީނާ ސަބަލެންކާ، އިންގްލެންޑްގެ އެއް ވަނަ ކުޅުންތެރިޔާ، އެމާ ރަޑުކާނޫ އަތުން ފަސޭހަ މޮޅެއް ހޯދައިފި އެވެ.
މިއީ، ގްރޭންޑް ސްލޭމް މުބާރާތެއްގައި މި ދެ ކުޅުންތެރިންގެ ފުރަތަމަ ކުރިމަތިލުމެވެ. މީގެ ކުރިން، މި ދެ ކުޅުންތެރިން ކުޅުނު ހަމައެކަނި މެޗުން މޮޅުވީ ވެސް މިދިޔަ އަހަރު ސަބަލެންކާ އެވެ. އެ މެޗުގެ ނަތީޖާ އެ ގޮތަށް ނުކުތް ކަމުގައި ވިޔަސް، މި މެޗުގައި، އެމާ ރަނގަޅު ފައިޓެއް ދޭނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް، ތަޖުރިބާގެ ބޭނުންކޮށް، ސަބަލެންކާ ވަނީ އެމާ އަތުން ރަނގަޅު މޮޅެއް ހޯދައިފަ އެވެ.
ވިމްބަލްޑަންގެ ސެންޓަ ކޯޓުގައި ކުޅުނު މި މެޗުގައި އެމާ އަތުން ސަބަލެންކާ މޮޅުވިއިރު، ސެޓުތައް ގެންދިޔައީ 7-6 (8-6) 6-4 އިންނެވެ.
މެޗަށް ފަހު އެމާ ބުނީ، މި ވަގުތަށް ބަލާއިރު މި ނަތީޖާ ގަބޫލުކުރަން އުނދަގޫ ކަމަށެވެ. އެކަމަކު، ފަހުން ރަނގަޅަށް ވިސްނާލުމުން، މި މެޗުން ދަސްވި ކަންކަން ހުންނާނެ ކަމަށާއި ސަބަލެންކާ އަކީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ދުނިޔޭގެ ޗެމްޕިއަން ކަމަށް އެމާ ވަނީ ބުނެފަ އެެވެ.
ސަބަލެންކާ ބުނީ، މި މެޗުގެ ސެޓުތައް ދިޔަ ނަތީޖާ ކޮންމެ ގޮތަކަށް ފެންނަން އޮތް ކަމުގައި ވިޔަސް، އެމާ އަތުން މޮޅުވާން ކުރީ ފިޒިކަލީ އަދި މެންޓަލީ އުނދަގޫ މަސައްކަތެއް ކަމަށެވެ.
ގަދަ 16 ބުރުގައި ސަބަލެންކާ ކުޅޭނީ ބެލްޖިއަމްގެ އެލީސް މާޓެންސްއާ ދެކޮޅަށެވެ.
ބުދަ ދުވަހުގެރޭ، ކާރު އެކްސިޑެންޓެއްގައި މަރުވި، ލިވަޕޫލްގެ ޕޯޗުގީސް ފޯވާޑް، ޑިއޯގޯ ޖޮޓާ އާއި އޭނާގެ ކޮއްކޮ، އަންޑްރޭ ސިލްވާގެ ހަނދާނުގައި، ޖޯޒީގައި ރިބަން ބޭނުން ކުރަން ހުއްދަ ދީފަ އެވެ. މިއީ، 100 އަށް ވުރެ ގިނަ އަހަރުވީ ވިމްބަލްޑަންގެ ތާރީހުގައި، މި ކަހަލަ ކަމެއްގައި ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ