ލަންކާއަށް ބޭސް ކުރަން ދަތުރު ކުރާ ދިވެހިންނަށް އެއް އަހަރު ދުވަހުގެ ވިސާ ލިބޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ ލަންކާއަށް ބޭސް ކުރަން ދަތުރު ކުރާ ދިވެހިންނަށް އެއް އަހަރު ދުވަހުގެ ވިސާ ލިބޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ސްރީ ލަންކާއަށް ބޭސް ކުރަން ދަތުރު ކުރާ ދިވެހިންނަށް އެއް އަހަރު ދުވަހުގެ ވިސާ ދޫކުރަން އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކެ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ކުރިއަށް ގެންދިޔަ ރަސްމީ މަޝްވަރާތަކަށްފަހު ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ދެ ގައުމުގައި ގިނަ އަދަދެއްގެ ދިވެހީން މިހާރު ވެސް އެކި ބޭނުންތަކުގައި ދިރިއުޅެމުންދާ ކަމަށާއި އެމީހުންގެ ކަންކަން ފުރިހަމައަށް ހަމަޖައްސަވައިދެއްވަމުން ގެންދަވާތީ ސްރީލަންކާގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ޝުކުރު ދަންނަވައިލަން ބޭނުންވޭ ސްރީލަންކާގެ ސަރުކާރަށް، އެ ގައުމުގެ މީހުންނާ ކައިވެނި ކޮށްގެން އުޅޭ ދިވެހީންނާއި ބޭހަށް އެ ގައުމަށް ދާ ދިވެހީންނަށް އެއް އަހަރު ދުވަހުގެ ވިސާ ދިނުމަށް މިފަހުން އެ ގައުމުން ނިންމި ނިންމުމަށް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިއަދު ދެ ގައުމުގެ ދެމެދުގައި ކުރިއަށް ގެންދިޔަ ރަސްމީ މަޝްވަރާތަކުގައި ތަފާތު އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ. އެގޮތުން ދިފާއީ ދާއިރާއިންނާއި ވިޔަފާރީގެ އިތުރުން ތައުލީމާއި ތަމްރީނު އަދި ޒުވާނުންނާއި ކުޅިވަރާ ބެހޭ ދާއިރާއިން އެކުގައި ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭގެއިތުރުން ވެސް މަސްވެރިކަމާއި ދަނޑުވެރިކަން އަދި ތިމާވެށްޓާ ގުޅޭ ގޮތުން ވެސް އެކުގައި މަސައްކަތް ކުރުމާ ބެހޭ ގޮތުން މިއަދު މަޝްވަރާ ކުރި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ސްރީލަންކާ އާއި ރާއްޖެއަކީ މީގެ އެތައް ޒަމާނެއް ކުރިން ވެސް ގާތް ރަހުމަތްތެރި ދެ ގައުމުކަން މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި ދެ ގައުމުގެ ޒަމާންވީ ގުޅުމުގެ އާސާރުތަކާއި ހެކި ތަރީހުން ފެންނާން ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އޭގެއިތުރުން ސްރީލަންކާ އަކީ ރާއްޖެ މިނިވަންވުމަށްފަހު އެންމެ ފުރަތަމަ ހާރިޖީ ގުޅުން ގާއިމުކުރި ގައުމުތަކުގެ ތެރެއިން އެއް ގައުމުކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ މިހާރު ރާއްޖެއަށް ޑިސަނަޔަކެ ކުރައްވަމުން ގެންދަވާ ދަތުރުގެ ސަބަބުން އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ސްރީލަންކާ އަކީ ދިވެހީން އެންމެ ގިނަ އަދަދަކަށް ގޮސް އުޅޭ އެއް ގައުމެވެ. ބޭސްފަރުވާގެ ބޭނުން ނޫނަސް، ފަތުރުވެރިންގެ ގޮތުގައި ވެސް ގިނަ އަދަދެއްގެ ދިވެހީން އެ ގައުމަށް ކޮންމެ އަހަރަކު ޒިޔާރަތް ކުރެ އެވެ. އޭގެ އިތުރުން ސްރީލަންކާ އަކީ އެންމެ ގިނަ ދިވެހީން ދިރިއުޅޭ ވެސް އެއް ގައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ