ސިޔާސީ ވައުދުތައް ފުއްދަން ބޭންކުތައް ބޭނުންކުރުމަކީ ނުރައްކަލެއް

ސިޔާސީ ވައުދުތައް ފުއްދަން ބޭންކުތައް ބޭނުންކުރުމަކީ ނުރައްކަލެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ މާލީ އަދި އިގްތިސާދީ ކާރިސާތަކުގައި އެންމެ ފަހުން އެހީވާން އޮންނަ މަރުކަޒީ ބޭންކް އިން ސަރުކާރުގެ ސިޔާސީ ނުފޫޒުގައި ޖެހި، ސަރުކާރާ އެކު އެންމެ ކުރީ ސަފުގައި ބައިވެރިއަކަށް ވެ ރާއްޖޭގެ މާލީ އަދި އިގްތިސާދު ނުރައްކަލަށް ގެންދިޔުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.
އަދި ބޭންކް އޮފް މޯލްޑިވްސް ގެ ޑިރެކްޓަރުންގެ ބޯޑާއި އަދި މެނޭޖްމެންޓުން ޑިޕޮޒިޓަރުންނާއި އަދި ކްރެޑިޓަރުންނަށް އޮންނަންޖެހޭ "ޑިޔުޓީ އޮފް ކެއާ" ގެ ބޭރުން ސަރުކާރުގެ ސިޔާސީ ވައުދުތައް ފުއްދުމަށް ބޭނުންކުރެވޭ ތަނަކަށް ބޭންކް ހެދުމަކީ ވެސް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އަމީރު ވިދާޅުވި އެވެ. މިގޮތަށް ކަންތައް ނުކުރުމަށް އަމީރު ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
އެމްއެމްއޭގެ ގަވަރުނަރަށް އަމިއްލަ މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭކަން ވަރަށް ސާފު ކަމަށާއި އަމިއްލަ މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭނަމަ ގަވަރުނަރު އިސްތިއުފާ ދިނުން ރަނގަޅު ކަމަށްވެސް އަމީރު ވިދާޅުވި އެވެ.
"ބޭންކް އޮފް މޯލްޑިވްސް ގެ އިތުބާރު ގެއްލުމުން، އެ ގެއްލުން ލިބެނީ ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމަށް. ބޭންކު އަޑި އަޅާލާއިރު މުޅި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެ،" އަމީރު ވިދާޅުވި އެވެ.
އަމީރު ވަނީ ބޭންކުގެ މިހާރުގެ މިސްރާބު ބަދަލުކުރުމަށާއި ސަރުކާރުގެ ސިޔާސީ ވައުދު ފުއްދުމަކީ ބޭންކުތަކުގެ ޒިންމާއެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ