ކޮންކާކަފް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން މެކްސިކޯ ހޯދައިފި
އުތުރު، މެދުތެރޭ އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގެ މައްޗަށް އެކުލެވޭ ކޮންކާކަފް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން މެކްސިކޯއިން ހޯދައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން މެކްސިކޯއިން ހޯދީ ފައިނަލްގައި މި މުބާރާތް ބޭއްވި ޤައުމުކަމުގައިވާ އެމެރިކާ އާ ބައްދަލުކޮށް ދެ ލަނޑު އެއް ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. ހިއުސްޓަންގެ އެންއާރްޖީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެސް މެކްސިކޯއިންނެވެ. ނަމަވެސް މި މެޗުގެ ފެށުން ރަނގަޅުވީ އެމެރިކާ ޓީމުގެއެވެ. މި ގޮތުން މެޗުގެ ހަތަރު ވަނަ މިނެޓުގައި އެމެރިކާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސް ރިޗަޑްސްއެވެ. ނަމަވެސް މި ލީޑު އެ ޓީމަށް ދެމެހެއްޓޭވަރުވީ 23 މިނެޓަށެވެ. މި ގޮތުން މެޗުގެ 27 ވަނަ މިނެޓުގައި މެކްސިކޯގެ ތަޖުރިބާކާރު ފޯވާޑް ރައުލް ހިމެނޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ޖެހުމަށްފަހު ހިމެނޭޒް ވަނީ އޭނާ އާ އެއްކޮށް ވުލްވަހެމްޕްޓަން ވޮންޑަރާސްއަށް ކުޅުނު ޑިއެގޯ ޖޮޓާގެ ހަނދާން އާކޮށް އިހްތިރާމް އަދާކޮށްފައެވެ. މި މެޗުގެ ދެވަނަ ހާފުގައި މޮޅަށް ކުޅެފައިވަނީ މެކްސިކޯއިންނެވެ. އޭގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 77 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެޑްސަން އަލްވަރޭޒްއެވެ. މި ލަނޑު އެންމެ ފުރަތަމަ އޮފް ސައިޑް ކަމަށް ދެއްކި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ވަނީ އެލަނޑު އޮފް ސައިޑް ނޫންކަމަށް ނިންމާ ބަލައިގެންފައެވެ. މި މެޗުގައި އެމެރިކާއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް މެކްސިކޯ ފެނިގެންދިޔައީ އެއަށް ވުރެ ވަރުގަދަ ކޮށެވެ. މި ފަހަރުގެ ކޮންކާކަފްގައި ޖުމްލަ 16 ޓީމު ވާދަކޮށްފައިވެއެވެ. މީގެ ތެރޭގައި ދައުވަތު ދީގެން ބައިވެރިވި ސައުދީ އަރަބިއްޔާގެ ޤައުމީ ޓީމުވެސް ހިމެނިގެންދިޔައެވެ. އަދި މި މުބާރާތުގައި އެމެރިކާއަށް ތަށި ކާމިޔާބު ނުކުރެވުނު ނަމަވެސް މި މުބާރާތުގައި އެ ޓީމު ވަނީ އަލުން ފޯމަކަށް އެޅިފައިކަން ސާބިތު ކޮށްދީފައެވެ. މި މުބާރާތުގެ ކުރިން އެމެރިކާއިން ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފައެވެ. އެހެން ނަމަވެސް މި މުބާރާތުގެ ފައިނަލަަށް ދަތުރު ކުރުމުން މި އަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް އެ ޓީމު އިތުރަށް ވަރުގަދަ ކުރެވިދާނެކަމަށް ވަނީ ބެލެވިފައެވެ. އަދި މި މެޗު އެންމެ ވަރުގަދަ ކޮށް ނުފެށުނު ނަމަވެސް މެޗުގެ މެދުތެރެއިން ފެށިގެން ރަނގަޅު ކުޅުމެއް ދެއްކި މެކްސިކޯއިން ވޯލްޑް ކަޕަށް ފުރިހަމައަށް ތައްޔާރަށް އޮތްކަން ވަނީ ދައްކުވައިދީފައެވެ. އަދި މިއީ މެކްސިކޯއިން ގޯލްޑް ކަޕްގެ ތަށި އުފުލާލި 10 ވަނަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ