އަދީބުގެ އެމްޓީޑީއަށް 3،000 މެންބަރުން ހަމަނުވާތީ އުވާލައިފި

ސިޔާސީ ކޮންމެ ޕާޓީއެއްގައި ވެސް މެންބަރުން ތިބެން ޖެހޭ އަދަދު ކަމަށްވާ 3،000 މީހުން، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގައި ހަމަނުވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު އެ ޕާޓީ އުވާލައިފިއެވެ. އީސީން ގެޒެޓުކުރި އިއުލާނެއްގައި ވަނީ، އެމްޓީޑީ އުވާލަން އީސީން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ކަމަށެވެ. އެއީ، ޕާޓީގެ 3،000 މެންބަރުން ހަމަނުވާނަމަ އެ އަދަދަށް މީހުން އިތުރުކުރަން ތިން މަސް ދިނުމަށްފަހު، އަދަދު ހަމަނުވާނަމަ އެ ޕާޓިއެއް އުވާލުމުގެ ބާރު ކޮމިޝަނަށް ދީފައިވާ މާއްދާގެ ދަށުންނެވެ. އީސީގެ ދަފުތަރުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް އެމްޓީޑީގައި ތިބީ 2272 މެންބަރުންނެވެ. އީސީން ވަނީ އެމްޓީޑީ އުވާލުމުން، އެ ޕާޓީން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އެކަން އެ ޕާޓީއަށް ހުށަހަޅައި ނިންމުމަށް އިލްތިމާސްކޮށްފައެވެ. https://sun.mv/201980 އެ ކޮމިޝަނުން މީގެ ކުރިން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގައި ވެސް މެންބަރުން ހަމަނުވާތީ އުވާލައިފައެވެ. އީސީގެ ދަފުތަރުގައި މިހާރު އޮތީ އެމްޓީޑީގެ އިތުރަށް އަށް ޕާޓީއެކެވެ. އޭގެ ތެރެއިން އެންމެ މެންބަރުން ގިނައީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވަރަށް ކުޑަ ޕާޓީއެއްގެ ގޮތުގައި އޮތުމަށް ފަހު، މިހާރު 68،665 މެންބަރުން ހަމަކޮށްފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އެވެ. ވަރަށް ފަހަކާ ޖެހެންދެން އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 43،765 ކަމަށް އީސީގެ ދަފުތަރުން ދައްކައެވެ. ޕީއެންސީން ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ މެންބަރުން އިތުރުކުރުމުން އެ ޕާޓީން އޮޅުވާލައިގެންނާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން މެންބަރުން އިތުރުކުރި ކަމުގެ ތުހުމަތުވެސް އަމާޒުވިއެވެ. އެމްޓީޑީ އުފައްދާފައިވަނީ ޑިސެންބަރު 27، 2018ގައެވެ. އެ ޕާޓީ އުފައްދަން އީސީން ހުއްދަ ދިނުމުން ޕާޓީއަށް ފުރަތަމަ ސޮއިކުރެއްވީ އަދީބު ކަމަށްވާއިރު އޭރު ހުންނެވީ ގޭ ބަންދުގައެވެ. އެއީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން، ސިއްހީ ހާލަތު ހުރި ގޮތުން ގެއަށް ބަދަލުކުރުމުންނެވެ. އެ ޚިޔާނާތް ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެ މައްސަލައިގައި އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ޖަލު ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ގެއަށް ބަދަލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ. ފަހުން، ޞާލިޙް ވަނީ ދެ ބޭފުޅުންނަށް ވެސް މާފުދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ