އެއާ އިންޑިއާގެ ބޯޓު ވެއްޓުނުތާ ދެ ހަފުތާ؛ އޮފިޝަލުން ޕާޓީކުރާ ވީޑިއޯއެއް އާންމުވެ ފާޑުކިޔުން އަމާޒުވެއްޖެ

އެއާ އިންޑިއާގެ ބޯޓެއް ވެއްޓުނުތާ ދެ ހަފުތާވެފައި ވާއިރު، އެއާ އިންޑިއާ ސިންގަޕޯ އެއާޕޯޓް ޓާމިނަލް ސާވިސް (އެއާ އިންޑިއާ ސެޓްސް)ގެ އިސް އޮފިޝަލުންތަކެއް ޑީޖޭ ޕާޓީއެއް ބާއްވައި ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ. އެ ވީޑިއޯއަށް އެހާ ބޮޑަށް ފާޑުކިޔުން އަމާޒުވީ، އިންޑިއާގެ އަހުމަދު އާބާދުން ފުރައިގެން ލަންޑަނަށް ދަތުރުކުރި ބޯޓެއް ވެއްޓި އެކަކު ފިޔަވައި ބޯޓުގައިތިބި އެންމެން މަރުވި ހާދިސާއަށް މާގިނަ ދުވަހެއް ނުވެ، އެކަހަލަ ވީޑިއޯއެއް ވައިރަލް ވުމުންނެވެ. ޓާޓާ ގްރޫޕްގެ ކުންފުންޏެއް ކަމަށްވާ، އެއާ އިންޑިއާ ލިމިޓެޑާއި ސިންގަޕޫރުގައި ހުންނަ ސެޓްސް ލިމިޓެޑާ ގުޅިގެން އުފައްދާފައިވާ އެއާ އިންޑިއާ ސެޓްސްއިން އިންޑިއާގެ ބައެއް އެއާޕޯޓްތަކުގައި އެއާޕޯޓް ގްރައުންޑް ޚިދުމަތް ދެއެވެ. ނޫސް އެޖެންސީ އައިއޭއެންއެސްއިން ބުނާ ގޮތުގައި މި މަހުގެ 20ވަނަ ދުވަހު ބޭއްވި އެ ޕާޓީއަށް ބެންގަލޫރު އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑްގެ ޖީއެމް ސަމްޕްރީތު ކޮޓިއަން އާއި އެއާ އިންޑިއާ ސެޓްސްގެ ސީއޯއޯ އަބްރަހަމް ޒަކަރިއްޔާ އަދި ސީއެފްއޯ ފަދަ މުހިންމު އެގްޒެކެޓިވުން ބައިވެރިވިއެވެ. އެ ވީޑިއޯ ދައުރުވާން ފެށުމާއެކު އެއާ އިންޑިއާ ސެޓްސްއިން ވަނީ ރަސްމީ ބަޔާނަކާއެކު ޖަވާބުދާރީވެފައެވެ. އައިއޭއެންސްއާ ވާހަކަ ދައްކަމުން އެ ކުންފުނިން ބުނީ އެ ވީޑިއޯ އޮންލައިންކޮށް ހިއްސާކުރާކަން އެނގޭ ކަމަށާއި ނަމަވެސް އެއީ ވަކި މަގުސަދެއްގައި ނަގާފައިވާ ވީޑިއޯއެއް ނޫން ކަމަށެވެ. އެހެންނަމަވެސް، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުތަނަވަސްކަމަކަމާއި ހިތާމައަކަށް އިޚްލާސްތެރިކަމާއެކު މައާފަށް އެދޭ ކަމަށް އެ ކުންފުނިން ބުންޏެވެ. މިކަމާ ގުޅިގެން ކުންފުނިން މައާފަށް އެދުނު ނަމަވެސް އާންމުންގެ ފާޑުކިޔުން އެ ކުންފުންޏަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ވީޑިއޯއިން ދައްކުވައިދެނީ ހާދިސާގައި މަރުވި މީހުންނަށާއި އާއިލާތަކަށް ކުންފުނިން އިހުތިރާމް ނުކުރާކަމެވެ. ވީޑިއޯގައި އެމީހުން ނަށާތަން ފެންނައިރު، ބޯޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އާއިލާތައް އަދިވެސް ތިބީ އެމީހުންގެ ލޯބިވާ މީހުންގެ ހަށިގަނޑުގެ އިންތިޒާރުގައެވެ. މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް 202 ހަށިގަނޑު ވަނީ އާއިލާއާ ހަވާލުކޮށްފައެވެ. އެއާ އިންޑިއާގެ ބޯޓު އޭއައި171 ވެއްޓުނީ މި މަހުގެ 12ވަނަ ދުވަހު އަހުމަދު އާބާދުން ފުރައިގެން ލަންޑަނަށް ދަތުކުރުކުރުމަށް ނައްޓާލިތާ މާގިނައިރު ނުވަނީހެވެ. ބޯޓު ވެއްޓުނީ އެއާޕޯޓާ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ. ބޯޓުގައި ތިބި 242 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ މަރުވެފައެވެ. ބޯޓު ވެއްޓުމުން އެ ސަރަހައްދުގައި ދިރިއުޅުނު ބައެއް މީހުން ވެސް ވަނީ މަރުވެފައެވެ. އެއާއެކު އެ ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 270އަށް އުފުލިފައެވެ. ބޯޓު ވެއްޓުމާއި އޭގެ ފަހުން ހިނގި އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ގިނަ ހަށިގަނޑުތައް ވަރަށް ބޮޑަށް އަނދާ ހުލިވެފައިވާއިރު، ފޮރެންސިކް ޓީމުތަކުން ވަނީ ހަށިގަނޑުތައް ދެނެގަތުމަށް ޑީއެންއޭ ޓެސްޓު ހަދާފައެވެ. މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ 151 ރައްޔިތުންނާއި އިނގިރޭސިވިލާތުގެ 34 ރައްޔިތުންނާއި ޕޯޗުގަލްގެ ހަތް ރައްޔިތަކާއި ކެނެޑާ މީހަކާއި ގްރައުންޑް ސްޓާފުން ނުވަތަ އެއާޕޯޓްގެ މަސައްކަތްތެރިންގެ ނުވަ މީހުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ