"މައުމޫން ހުރިއްޔާ އުންމީދެއް އޮންނާނެ"

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުރިއްޔާ އުންމީދެއް އޮންނާނެ ކަމަށް މިދިޔަ ހަފްތާ ހޯމް މިނިސްޓަރުކަމުން އިސްތިއުފާދެއްވި، އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވާހަކަފުޅުތަކުގައި އާންމުކޮށް ވިދާޅުވާ ބަސްފުޅަކީ، "ދިރުމެއް އޮވެއްޖިއްޔާ އުންމީދެއް އޮންނާނެ" ކަމަށެވެ. ބެލެވޭ ގޮތުގައި އުމަރުގެ މި ޓްވީޓަކީ އެއަށް ރައްދެކެވެ. ރައީސް ޔާމީން އާންމުކޮށް އެގޮތަށް ވިދާޅުވަނީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލު ކުރުމުގެ އުންމީދު އޮތީ މި ސަރުކާރުގައި ކަމަށް ވިދާޅުވެ އެވެ.
ހޯމް މިނިސްޓަރުކަމުން އިސްތިއުފާދެއްވުމަށް ފަހު އުމަރު ފެންނަނީ ރައީސް މައުމޫންގެ ފަހަތްޕުޅުގަ އެވެ. އަދި ޕީޕީއެމް އިސްލާހު ކުރުމަށް ރައީސް މައުމޫން އުފެއްދެވި، ޕީޕީއެމްގެ މަޝްވަރާ މަޖިލީހުގައި ވެސް އުމަރު ހިމެނިވަޑައިގަންނަވަ އެވެ. އަދި މައުމޫންގެ ވާހަކަތަކަށް ތާއީދުކޮށް އުމަރު ވަނީ މީގެ ކުރިން ވެސް އެކި ޓްވީޓްތައް ކުރައްވައިފަ އެވެ.
އުމަރު ރޭ އޮތް ހަފްލާއެއްގައި ވެސް ވިދާޅުވީ މިއީ ރާއްޖޭގެ ސިޔާސީ މައިދާން ވަރަށް ހަލަބޮލި ހަފްތާއަކަށް ވާނެ ކަމަށާއި، "ބޮޑު ބިންހެލުމެއް" ސިޔާސީ މައިދާނަށް އަންނާނެ ކަމަށެވެ. އަދި މިއީ ސިޔާސީ މައިދާން މުޅިން އެހެން ގޮތަކަށް ބައްޓަން ވެގެންދާނެ ހަފްތާއެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ