ވެނެޒުއޭލާގައި 20،000ގެ ފައިސާ ނޫޓެއް ނެރެފި

ވެނެޒުއޭލާއަށް ކުރިމަތިވެފައިވާ ހައިޕާ އިންފްލޭޝަނުން އަރައިގަތުމަށް ޓަކައި އެ ގައުމުގެ ފައިސާގެ އާ ނޫޓުތަކެއް ތައާރަފުކޮށްފި އެވެ. އެ ނޫޓުތައް ތައާރަފުކުރި އިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، އެ ގައުމުގެ 100 ބޮލިވާގެ ފައިސާގެ ނޫޓު ވަނީ އުވާލައި، އެ ނޫޓު ދައުލަތަށް ނަގައިފަ އެވެ. ވެނެޒުއޭލާގައި މިދިޔަ މަހާ ހަމައަށް، ފައިސާގެ އެންމެ މަތީ ޑިނޯމިނޭޝަނަކަށް ހުރީ 100 ބޮލިވާ އެވެ. އެހެން ނަމަވެސް، މިއަދު އެގައުމުގައި ވަނީ 500 ބޮލިވާ، 5،000 ބޮލިވާ އަދި 20،000 ބޮލިވާގެ ފައިސާގެ ނޫޓު ނެރެ، އެގައުމުގެ އިގްތިސާދުގެ ތެރެއަށް ދައުރުކުރުވާން ފަށައިފަ އެވެ. ވެނެޒުއޭލާގައި އިންފްލޭޝަން އާދަޔާ ޚިލާފަށް އުފުލި، ފައިސާގެ އަގު ވެއްޓިފައިވާ އިރު، އެ ގައުމުގައި މިހާތަނަށް އޮތް އެންމެ މަތީ ޑިނޯމިނޭޝަންގެ ފައިސާ ކަމުގައިވާ 100 ބޮލިވާގެ އެތައް ވަގު ނޫޓެއް އެ ގައުމުގެ އިގްތިސާދުގައި ދައުރުކުރި އެވެ. އަދި އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ހަރަކާތްތެރިވާ ކްރިމިނަލް ގޭންގުތަކުން ވެސް ގިނަ އަދަދެއްގެ ވަގު ނޫޓު ގެންގުޅެ އެވެ. ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އެ ނިންމުން ނިންމަވައި، 100 ބޮލިވާގެ ނޫޓު އުވާލެއްވީ، ވަގު ނޫޓު ދައުރުކުރުވުން ހުއްޓުވުމަށެވެ. އަދި 100 ބޮލިވާގެ ނޫޓު ވެނެޒުއޭލާއިން ބޭރުކޮށްފާނެތީ، ބްރެޒިލްއާއި ކޮލޮމްބިއާ އާއި ވެނެޒުއޭލާ ގުޅޭ ބޯޑަރުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ވެނެޒުއޭލާގައި އިންފްލޭޝަން އާދަޔާ ޚިލާފަށް މަތިވި އިރު، އެގައުމުގެ އޭރުގެ އެންމެ މަތީ ނޫޓު، 100 ބޮލިވާގެ އަގަކީ ދެ ޔޫއެސް ސެންޓެވެ. ވެނެޒުއޭލާގައި ހިނގަމުންދާ ސިޔާސީ އަދި އިގްތިސާދީ ހަމަނުޖެހުންތަކުގެ އިތުރުން، ދުނިޔޭގައި މިވަގުތު އޮތް އެންމެ މަތީ އިންފްލޭޝަން ރޭޓު އޮތީ އެގައުމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ