އިންތިޚާބުގެ ކަންކަމުގައި ކުރިއަށްވުރެ މާބޮޑަށްވެސް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެފައިވާކަމަށް ފާހަގަކުރެވޭކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށްދާ އޮޕަރޭޝަނާގުޅެ ގޮތުން ދިޓީވީގެ ޚަބަރު ތެރެއިން ޕްރޮގްރާމްގައި ވާހަކަ ފުޅުދައްކަވަމުންނެވެ.
މި ޕްރޮގްރާމްގައި ޕްރެޒެންޓަރ ކުރެއްވި ސުވާލުތަކުގެ ޖަވާބު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މީގެކުރިން ބާއްވާފައިވާ އިންތިޚާބުގެ ތަކުގައި ހިނގާފައިވާ ކަންތައްތަކާއި ފަހުން ބާއްވަމުން އަންނަ އިންތިޚާބުތަކުގައި ހިނގާފައިވާ ކަންތައްތައް މަދުކަން ފާހަގަ ކުރެވޭ ކަމަށެވެ. މިގޮތުން ކޮމިޝަނަރ ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގެ ގިނަ ރައްޔިތުންނަކީ ކުރިއާއި ޚިލާފަށް ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ހޭލުންތެރި، ކަންކަމަށް ހޭލުންތެރިވެފައިވާ ބައެކެވެ.
ފުލުހުން ރިޔާސީ އިންތިޚާބާއި ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މާލެ އާއި އަތޮޅުތަކުގައި ކަމެއް ހިނގައިފިނަމަ އެކަން ހުއްޓުވުމުގެ ޤާބިލްކަން ފުލުހުންގެ ކިބައިގައި އެބަހުރިކަމަށެވެ. މިއާއެކު އިންތިޚާބު ކުރިއަށްދާ ދުވަސްވަރު ޤާނޫނާއި ޚިލާފު އެއްވެސް ހިނގިޔަ ނުދިނުމަށްޓަކައި ފުލުހުން މަސައްކަތް ކުރައްވާނެކަމަށާއި އެފަދަ އެއްވެސް ކަމަށް ފުލުހުން ޖާގަ ނުދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް މިހާރު ވަނީ ފޯރުކޮށްދީފައިވާކަމަށާއި ހަމަ ނުޖެހުމަށް ހިނގިޔަ ނުދީ ޤާނޫނު ނެގެހެއްޓުމަށްޓަކައި ފުލުހުން ފަސް ނުޖެހި ފިޔަވަޅުތައް އަޅަމުންދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވދިާޅުވިއެވެ. އަދި ކުރިއާ އަޅާބަލާއިރު ފުލުހުންގެ މުއައްސަސާ އަކީ މިހާރު އޮޕަރޭޝަނަލީ މިނިވަންތަނެއްގެ ގޮތުގައި މަސައްކަތްކުރާ ތަނެއްކަމަށާއި ފުލުހުން އަމަލު ކުރަމުންދާނީ ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް އެއްގޮތަށްކަމަށް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ކަންކަން ބެލެހެއްޓުމުގެ އެއްވެސް ކަމެއް ހުއްޓުވުމަށްޓަކައި އެއްވެސް ބަޔަކު ރާވާކަމުގެ މަޢުލޫމާތެއް ލިބިޖެނަމަ ފުލުހުން އެކަން ހުއްޓުވާނެކަމަށާއި އެފަދަ ކަމެއް ކުރުމަށް ރާވަމުންދޭތޯ ފުލުހުން ބަލަމުންދާނެކަން ފާހަގަކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އިންތިޚާބުގައި އެއްވެސް ބަޔަކު އިންތިޚާބު ހުއްޓުވާލުމުގެ ގޮތުން ކަމެއް ރާވަފައި ނުވަތަ އެފަދަ ކަމެއް ރާވަމުންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިއްޖެނަމަ އެބަޔަކާމެދު ފިޔަވަޅު އެޅުމަށް ފުލުހުން ފަސްނުޖެހޭނެކަމަށެވެ.
މިމޭމުރުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުން މަސައްކަތް ކުރަމުންދާނީ ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށްކަމަށާއި ފުލުހުންނާއި ރައްޔިތުންނާދެމެދު އިތުބާރާއި ޔަޤީންކަން އިތުރުވެފައިވާ ކަމަށެވެ. އަދި ފުލުހުން ކުރަމުންދިޔަ މަސައްކަތަކުން މިއަހަރުގެ ތެރޭގައި ކުށްކުރުން މަދުކުރެވިފައިވާކަން ފާހަގަކުރައްވަމުން ކުށްތަކުގެ ތަފާސް ހިސާބު ހިއްސާކުރެއްވިއެވެ.
މީގެއިތުރުންވެސް ކުށް މަދުކޮށް ރައްޔިތުންނަށް އަމާން ވެށްޓެއް ޤާއިމް ކޮށްދިނުމަށްޓަކައި ފުލުހުން މިހާރުވެސް ބުރަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި މިގޮތުން ފުލުހުން ކުރަމުންދާ މަސައްކަތަށް ބޭނުންވާ ބައެއް ޤާނޫނުތައް އެބަހުރިކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ މަސައްކަތަށް ބޭނުންވާ ޤާނޫނު ފާސްވެ އެ ޤާނޫނުތަކުގެ އެހީތެރިކަން ފުލުހުންނަށް ލިބިއްޖެނަމަ ފުލުހުން ތަހުޤީޤު ކުރަމުންދާ މައްސަކަތަކަށް ކުރިއެރުންތަކެއް ލިބި ފުލުހުންނަށް މިހާރަށްވުރެ ރަގަޅަށް މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
އިންތިޚާބުގެ ކަންކަމުގައި ރައްޔިތުން ކުރިއަށްވުރެ ހޭލުންތެރި – ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ