އުނގޫފާރު ދާއިރާގެ އެމްޑީޕީ ޓިކެޓް ޑރ. އަޝްރަފަށް

ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ އުނގޫފާރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަން ބާއްވާ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ޑރ. އަޙްމަދު އަޝްރަފް ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލްގެ ނައިބު އަހުމަދު އަކުރަމް މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ޓިކެޓްގައި އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާނެ ކެޑިޑޭޓެއް ހޮވަން އިއުލާނުކޮށްފައިވާ މުއްދަތުގައި ކުރިމަތި ލައްވާފައި ވަނީ އަޝްރަފް އެކަނި ކަމަށެވެ.
އަޝްރަފަށް އެމްޑީޕީގެ ޓިކެޓް ދިނީ އޭނާއަކީ އެ މަޤާމަށް ޝަރުތު ފުރިހަމަވާ ބޭފުޅެއް ކަމަށް ޕާޓީގެ އިންތިހާބާއި ބެހޭ ކޮމިޓީއަށް ފެނުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަޝްރަފް ވަނީ 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އެމްޑީޕީގެ ޓިކެޓުގައި އުނގޫފާރު ދާއިރާއަށް ކުރިމަތިލައްވާ ވާދަ ކުރައްވާފަ އެވެ.
އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ ކެންޑިޑޭޓުގެ ނަން އެޕާޓީން އިއުލާންކޮށްފައިވާއިރު، ޕީޕީއެމުން ވަނީ އެޕާޓީގެ ޓިކެޓުގައި އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގައި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.
ޕީޕިއެމުން މީގެ ކުރިން ބުނެފައިވަނީ އެޕާޓީގެ ޓިކެޓުގައި އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓަކީ ކުރިން އެގޮނޑި ފުރުއްވާފައިވާ އަފްރާޝިމް ޢަލީގެ އާއިލާގެ ބޭފުޅަކަށް ހެއްދެވުމަށް އެޕާޓީން މަސައްކަތް ކުރާ ކަމަށެވެ.
އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި އަފްރާޝިމް ޢަލީއަށް އިހްތިރާމް އަދާ ކުރެއްވުމުގެ ގޮތުން އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނުގައި ބައެއް ބޮޑެތި ޕާޓީތަކުން ކެންޑިޑޭޓުން ވާދަކުރުމުގައި ބަދަލުގައި މިއިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް ބައެއް ޕާޓީ ތަކުން ވިސްނަމުންދާ ކަމަށް ވީނިއުސްއަށް ވަނީ މައުލޫމާތު ލިބިފައި ވެއެވެ.
އުނގޫފާރު ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އަފްރާޝިމް ޢަލީ އަވަހާރަކޮށްލީ މިމަހުގެ އެއްވަނަ ދުވަހުގެ ރޭގަ އެވެ. އެމަނިކުފާނު މެންބަރުކަން ކުރެއްވި ދާއިރާގެ ބައި އިލެކްޝަން އޮންނާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ