ގުއަންޓަނާމޯބޭ ޖަލުން މީހުން ގެނައުމާބެހޭ ލިއުންތައް، އަލީ ވަހީދަށް ލިބިވަޑައިގެންނެވިގޮތް، ޝަރީޢަތަށް ހާމަކޮށްދޭންޖެހޭނެ: ރީކޯ މޫސަ
14:30ގުއަންޓަނާމޯބޭ ޖަލުން މީހުން ގެނައުމާބެހޭ ލިއުންތައް، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދަށް ލިބިވަޑައިގެންނެވިގޮތް، ޝަރީޢަތަށް ހާމަކޮށްދޭންޖެހޭނެ ކަމަށާއި، އެކަމާބެހޭ ގޮތުން ގައުމީ ސަލާމަތާބެހޭ ކޮމިޓީގައި ކުރިއަށްދާ މަސައްކަތަށް އެއްބާރުލުން ނުދިނުމަށް ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާމަނިކު ވިދާޅުވެއްޖެ އެވެ.ގުއަންޓަނާމޯބޭ ޖަލުން ރާއްޖެއަށް މީހުން ގެނައުމާބެހޭ ގޮތުން ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު އެއްބަސްވެފައިވާ ކަމަށް ބުނާ ލިޔުންތަކެއް، އިދިކޮޅު ޑީއާރުޕީގެ ނާއިބު ލީޑަރުކަމުގެ މަގާމުގައި ވެސް ހުންނެވި، އަލީ ވަހީދު ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ހުށަހަޅުއްވައިގެން އެކަން ބެލުމަށް އެ ކޮމިޓީގައި ކުރިއަށްދާ މަސައްކަތާ ބެހޭގޮތުން އަލީ ވަހީދާއެކު އެކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުގެ މަގާމުގައި ވެސް ހުންނެވި މޫސާ މަނިކު ވިދާޅުވީ، އެ ލިއުންތަކުގެ މައްސަލަ ޝަރީއަތަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އަލީ ވަހީދު އެ މައްސަލަ ކޮމިޓީއަށް ވައްދަވާފައިވަނީ އެކަން ކުރަން އޮންނަ އުސޫލުންނޫން ކަމަށްވާތީ އެކަމުގައި ސަރުކާރުން އެއްބާރުލުން ނުދިނުމަށް ދަންނަވާފައިވާނެ ކަމަށް ވެސް މޫސާމަނިކު ވިދާޅުވި އެވެ.މޫސާމަނިކު އަދި ވިދާޅުވީ، ގައުމީ ސަލާމަތާބެހޭ ކޮމިޓީގައި އެ މައްސަލަ މިހާރު ކުރިއަށްދާ ގޮތުން ކޮމިޓީން ނިންމާ އެއްވެސް ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް ހެދޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ސަރުކާރުން ނުވަތަ މުއައްސަސާއަކުން ކުރަމުންދާ ކަމަކާ ގުޅިގެން ފޯނުކުރެއްވި ނަމަވެސް ހާޒިރުވެވަޑައިގެންނެވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެދިވަޑައިގަންނަވާ މައުލޫމާތު އެތަނަކުން ދިނުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލާޒިމުކުރާ ކަމެއް ކަމަށެވެ. ނަމަވެސް އެލިޔުންތައް އަލީ ވަހީދަށް ލިބިވަޑައިގެންނެވުމުން، އޭގެ ސައްހަ ލިޔުން ހޯއްދެވުމުގެ ބަދަލުގައި އެލިޔުން ކޮމިޓީއަށް ހުށަހަޅައިގެން މައްސަލަ ބަލަމުން ދަނީ އާއްމުކޮށް އަމަލު ކުރަމުންދާ ގާނޫނުއަސާސީގެ މާއްދާތަކާ ހިލާފަށް ކަމަށް ވެސް މޫސާ މަނިކު ވިދާޅުވި އެވެ.ގުއަންޓަނާމޯބޭ ޖަލުން މީހުން ގެނައުމުގެ މައްސަލަ ބެލުމަށް ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ ފަސް ބައްދަލުވުމެއް މިހާތަނަށް ބާއްވާފައިވާއިރު ފުރަތަމަ ދެ ބައްދަލުވުމަށްފަހު މޫސަ ވެސް އަންނަނީ ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އަދި ކޮމިޓީން ހޯދަންޖެހޭ މައުލޫމާތުތައް ހޯދަންޖެހޭ ސަރުކާރުގެ އިސްފަރާތްތައް ވެސް ގެންދަވަނީ އެ ކޮމިޓީއަށް ހާޒިރުވެ ވަޑައިގަންނަވަމުން. ކޮމިޓީގެ އިއްޔެގެ ބައްދަލުވުމަށް ސޮލިސިޓަރ ޖެނެރަލް އަލްއުސްތާޛް އަބްދުﷲ މުޢިއްޒާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީޙާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލް ވަނީ ހާޒިރު ކުރައްވައިފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަޙްމަދު ނަސީމާއި ޑެޕިއުޓީ އެޑިޝަނަލް ސެކްރެޓަރީ އައިޝަތު ލިޔުޝާ ޒާހިރުގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އައްޝައިޙް އިލްޔާސް ޙުސައިން އިބްރާހީމް ހާޒިރުވެވަޑައިގެން ވަނީ މައުލޫމާތު ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ