ގާނޫނީ ހުދޫދުގެ ތެރެއިން މަސައްކަތް ކުރުމަށް ރައީސް މައުމޫން ގޮވާލައިފި

ހުރިހާ މުއައްސަސާ ތަކުން ވެސް ގާނޫނީ ހުދޫދުގެ ތެރެއިން މަސައްކަތް ކުރުމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.
ޓްވިޓާގައި ރައީސް މައުމޫން ވިދާޅުވީ، ކޮންމެ މުވައްސަސާ އަކުން ވެސް މަސައްކަތް ކުރަންވާނީ ގާނޫނު އަސާސީ ގޮތެއްގެ މަތިން ކަމަށެވެ. އަދި އެ މުއައްސަސާއެއްގެ ގާނޫނީ ހުދޫދުގެ ތެރެއިން މަސައްކަތް ކުރުމަށް، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގޮވާލާ ކަމަށް ވެސް ރައީސް މައުމޫން ވިދަޅުވި އެވެ.Komme muassasaa akun ves qaanoon asaasee thandhey gotheh ge mathin adhi e muassasaa eh ge qaanoonee hudhoodhuge therein kankan kurevvumah dhivehi rayyitheh ge haisiyyathun alhugan’du govaalan.— Maumoon Abdul Gayoom (@maumoonagayoom) June 18, 2019
ރައީސް މައުމޫން އެފަދަ ޓްވީޓެއް ކުރެއްވި އިރު، ރިޝްވަތުގެ ތުހުމަތު ކުރެވޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމުން އެކަން ފަސް ކޮށް، އެ މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެއްވެސް އިދާރާ އަކުން އެ މައްސަލަ ބަލައި ފިޔަވަޅު ނޭޅުމަށް އަމުރެއް ނެރުމުން އެ އަމުރު ބަލައި ނުގަތުމަށް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.
އޭގެ އިތުރުން ޖޭއެސްސީގެ އެ ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ތާއީދުކޮށް، އެ މައްސަލަ ތަޅުމަށް ފޮނުވަން ނިންމުމާ އެކު ސުޕްރީމް ކޯޓުން ވަނީ އިތުރު އަމުރެއް ނެރެ، އެ ކޯޓުން ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ފަސްކުރަން ނެރުނު އަމުރަށް ފަހު އެކަމާ ގުޅިގެން ހިނގާ ހުރިހާ ކަމެއް ބާތިލް ވާނެ ކަމަށް ވަނީ ބުނެފަ އެވެ.
ސުޕްރީމް ކޯޓުން އެހެން ބުނި ނަމަވެސް މިއަދު އޮތް މަޖިލީހުގެ ޖަލްސާ އަށް އެ މައްސަލަ ހުށަހެޅި، ޖޭއެސްސީގެ ނިންމުމަށް ތާއީދު ކުރަން މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުން އެކަން ފާސްކުރުމާ އެކު ސުޕްރީމް ކޯޓުން މިއަދު ވަނީ އިތުރު އަމުރެއް ނެރެ، ފަނޑިޔާރެއްގެ ނިންމުމާއި ގުޅިގެން އެ ފަނޑިޔާރަކާއި މެދު ސުލޫކީ ފިޔަވަޅެއް ނޭޅޭނެކަމަށް ބުނެފަ އެވެ.
ސުޕްރީމް ކޯޓުން މިއަދު އެހެން ބުނި ނަމަވެސް، ވ. ބޮޑުމޮހޮރާ އަމިއްލަ ކުންފުންޏަކަށް ހަވާލުކުރަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު އަމުރު ކުރުމުން، 2016 ވަނަ އަހަރު އެ ކޯޓުން ވަނީ ކޯޓުތަކުގައި ޝަރީއަތް ކުރުމުގެ ވިލާޔަތާއި އަހުލިއްޔަތާއި ޝަރުއިއްޔަތު ގެއްލިފައިވާ ކަމަށް ބުނެ ގާޒީ ކަމުގެ މައްސޫލިއްޔަތުތަކުން، ގާޒީ މަރިޔަމް ދުރުކޮށްފަ އެވެ. އަލުން ގާޒީ ކަން ކުރުމަށް ހުއްދަ ދިނީ ސަސްޕެންޑް ކުރިތާ އަހަރެއްހާ ދުވަސް ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ