އެންމެ އަމިއްލަ އެދުން ބޮޑު ސިޔާސީ ލީޑަރަކީ ރާއްޖޭގެ ވެރިކަންކުރާ ނިޒާމު ބަދަލުކޮށް، ބަރުލަމާނީ ނިޒާމެއް ގެންނަން މަސައްކަތް ކުރާ ލީޑަރު ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ނުސީދާކޮށް ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްގެ މަޖިލިސް ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ، އެންމެ އަމިއްލަ އެދުން ބޮޑު ލީޑަރަކީ ކޮންބޭފުޅެއްތޯ ބެލުމަށް ބަޔަކު ޕޯލެއް ނަގަން ތައްޔާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް އެފަދަ ޕޯލަކުން ކަނޑައަޅާ ކަނޑައެޅުމަކީ ރައްޔިތުންގެ ނިންމުން ނޫން ކަމަށާއި، އަމިއްލަ އެދުން ބޮޑު ލީޑަރު އެންމެންނަށް ވެސް އެނގޭ ކަމަށެވެ.
އޭގެ އިތުރުން ޕޯލްތައް ހަދައިގެން ނަތީޖާ ނެރުމަކީ ބަޔަކު ވިޔަފާރި އަށް ކުރާ ކަމެއް ކަމަށާއި، އެފަދަ މޮޔަ ކަންކަން ނުކުރުމަށް ވެސް ގާސިމް ވަނީ އެދިފަ އެވެ. އަދި އެފަދަ ކަންކަން ކުރަނީ "ފަސްކުޅަނދު މަދު މީހުން" ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަމިއްލަ އެދުން ބޮޑު ލީޑަރަށް ވާނީ ބަރުލަމާނީ ނިޒާމެއް ގެންނަން އުޅޭ ލީޑަރު ނޫންތޯ،" ރައީސް ނަޝީދަށް އަމާޒު ކުރައްވައި ނަމަވެސް އެއްވެސް ބޭފުޅެއްގެ ނަން ވިދާޅު ނުވެ، ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެންނަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށް ވެސް ގާސިމް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ބަރުލަމާނީ ނިޒާމެއް ގެންނަން ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީ އާއި ސަރުކާރާ އިދިކޮޅު ބައެއް ބޭފުޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އަދި ގާސިމް ވަނީ އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ދޭން ހެޔޮނުވާނެ ކަމަށާއި، އޭރުން ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލު ކުރާނެ ކަމަށް މީގެ ކުރިން ވެސް އެތައް ފަހަރަކު ވިދާޅުވެފަ އެވެ.
އަމިއްލަ އެދުން އެންމެ ބޮޑީ ބަރުލަމާނީ ނިޒާމު ގެންނަން އުޅޭ ލީޑަރު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ