ރާއްޖޭގައި ގާއިމްވެ ތިބި އިންޑިޔާ ސިފައިންނަކީ ދިއްލީގެ އޯޑަރަކަށް ކޮންމެފަދަ ވަގުތެއްގައި ވެސް އެ މީހުންގެ ރޯލް ބަދަލުކޮށްފާނެ ބައެއްކަން ދިވެހިން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.
އުމަރު ވިދާޅުވީ ކަޝްމީރަށް ލިބިފައިއޮތް ދާހިލީ މިނިވަންކަން އިންޑީއާއިން ނިމުމަކަށް ގެނައުމަކީ ދިވެހިން މިކަމުން ފިލާވަޅެއް ދަސްކުރަން ޖެހޭ ކަމެއްކަމަށެވެ.
އުމަރު ވިދާޅުވީ އިންޑިޔާގެ ކުރީގެ ބޮޑު ޖަވާހިރުލާލް ނެހްރޫ އޭރުގެ ސިއްކިމްގެ ރަސްގެފާނަށް ސިކިމްގެ މިނިވަންކަމަށް އަރައިނުގަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައި ވަނިކޮށް އޭނާގެ ދަރިފުޅު އިންދިިރާ ގާންދީ ބޮޑުވަޒީރު ކަމަށް ވަޑައިގެން އެ ނިންމުން ބަދަލު ކުރި ކަމަށާއި އެއަށް ފަހު 1975 ގައި އިންޑިޔާގެ 5000 ސިފައިން ސިކިމްއަށް ފޮނުވައި އެ ކުޑަ ގައުމު ހިފި ކަމަށެވެ.
އެހެންވީމާ ސިއްކިމް އާއި މެދު އިންޑިޔާ ސަރުކާރުން އަމަލު ކުރި ގޮތާއި ކަޝްމީރާ މެދު އަމަލު ކުރި ގޮތުން ދިވެހިންނަށް އެނގެންވީ ކަމަކީ ބާރުގަދަ ގައުމުތަކުން ކުރާ ވައުދުތައް ކޮންމެ ފަދަ ވަގުތެއްގައި ވެސް ބަދަލުކޮށްފާނެ އެއްޗެއްކަން ކަމަށެވެ.
އަދި މިވަގުތު ރާއްޖޭގައި ގާއިމްވެ ތިބި އިންޑިޔާ ސިފައިންނަކީ ވެސް ދިއްލީގެ އޯޑަރަކަށް ކޮންމެފަދަ ވަގުތެއްގައި ވެސް އެ މީހުންގެ ރޯލް ބަދަލުކޮށްފާނެ ބައެއްކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ.
ދިއްލީގައި ތިއްބަވާ ސިޔާސީ ލީޑަރުންގެ ވިސްނުން ބަދަލުވެއްޖެ ނަމަ ރާއްޖޭގެ މިހާރު ތިބި އިންޑިޔާ ސިފައިންގެ އަތަށް ދެ ގަޑިއިރުގެ ތެރޭގައި އިންޑިޔާއިން ހަތިޔާރު ފޯރުކޮށްދޭނެ ކަމަށާ މިއީ ނުވާނެ ކަމެއްކަން ހީކޮށްގެން ތިބޭނީ ވަރަށް ތިލަކޮށް ވިސްނާ ސިޔާސީ ބޭފުޅުން ކަމަށް އުމަރު ވިދާޅުވިއެވެ.
ރާއްޖޭގައި ގާއިމްވެ ތިބި އިންޑިޔާ ސިފައިން މި ގައުމުން ބޭލުވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ޖައްމޫ އެންޑް ކަޝްމީރަށް ދީފައިއޮތް ޒާތީ މިނިވަންކަން ނިގުޅައިގަތުމަށްފަހު އަނެއްކާވެސް އިތުރު ސިފައިންގެ ފައުޖުތަކެއް އިންޑިއާ އިން ވަނީ ފޮނުވާފައެވެ.
އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދް ވަނީ ޖައްމޫ އެންޑް ކަޝްމީރަށް ދީފައިއޮތް ޒާތީ މިނިވަންކަން އުވާލާފައެވެ.
ޕާކިސްތާނުގެ ބޮޑެތި ރަށްތަކާއި، އަވަށްތަކުގައި އިންޑިއާއާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކާއި އެއްވުންތައް ގެންދަނީ ބާއްވަމުންނެވެ.
އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ޕާކިސްތާނާއި، ކަޝްމީރުގެ ރައްޔިތުންވެސް ގެންދަނީ އިންޑިއާއާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
އިންޑިއާއިން ކަޝްމީރު މައްސަލާގައި އަމަލުކުރަމުންދާ ގޮތުން ދިވެހިން ފިލާވަޅު ލިބިގަންނަން ޖެހޭ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ