ޔާމީން ޖަލަށްލުމުން ރޮވުނު، އެއީ އެދޭ ކަމެއް ނޫން: ނަޝީދު

ކުރީގެ ރައީސް އަބްދުުﷲ ޔާމީން ޖަލަށްލުމުން ކީރިތި ކުރެއްވުނު ކަމަށާއި އެމަނިކުފާނު ޖަލުގައި ހުންނަވަން އެދިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އޮފީހުގައި ނަޝީދު ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރީގެ ރައީސުން ޖަލަށްލުމަކީ އެމަނިކުފާނު އެއްވެސް ގޮތަކަށް އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި އެ ސަގާފަތް އެމަނިކުފާނުގެ ވެރިިކަމުގައި ދަމަހައްޓަވާފައިވާނެ ކަމަށް ވިދާޅުވި އެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށްލުމަށް ފަހު އެކަމާ އުފާ ފާޅުކޮށް ހެދި ކަމަށާއި އެކަމަކު ޔާމީން ޖަލަށްލި ދުވަހު އެމަނިކުފާނަށް ކީރިތި ކުރެއްވުނު ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެއީކީ ކޮންމެހެން އަޅުގަނޑު އުފާ ފާޅު ކުރަމުން، ހަވާ އަރުވަމުން ދުވާ ކަމެއް ނޫން. ތި ބޭފުޅުންނަށް ފާހަގަ ކުރެވިފައި އޮވެދާނެ އަޅުގަނޑު ޖަލަށްލާފައި ހަވާ އެރުއްވުމާއި ލަނގިރި ޖެހުމާއި ލަވަ ކިޔުމާއި މާ ބެހުމާއި މި ހުރިހާ ކަމެއް ވެސް ކުރި. އެހެން ނަމަވެސް ރައީސް ޔާމީން ޖަލަށްލީ ދުވަހު އަޅުގަނޑު ވީ ދެރަ. އަޅުގަނޑަށް ރޮވުނު. އަޅުގަނޑު އެދޭ ގޮތެއް ނޫން އެއީކީ." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޝަރުއީ ނިޒާމާ މެދު އިތުބާރު ބޮޑުވެއްޖެ ކަމަށާއި އަދި ރައީސް ޔާމީނަށް އިސްތިއުނާފްގެ ފުރިހަމަ ހައްގު ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ. އަދި ޔާމީން ޖަލުގައި ހުންނެވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ނުވިޔަސް، ރާއްޖޭގެ ގާނޫނުތަކާއި ހަމަތައް ހިފަހައްޓަންޖެހޭ ކަމަށާއި ވެރިކަމަކީ ހިތުހުރި ގޮތަކަށް ކުރެވެން އޮންނަ ކަމެއް ނޫންކަން ހުރިހާ ރައީސުން ވެސް ގަބޫލު ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"އެބަ ސާފުވާން ޖެހޭ ހިތަކަށް ލިބޭ އެއްޗެއް ނޫންކަން ވެރިކަމަކީ. އަޅުގަނޑުމެންނަކީ މުހިންމު ބައެއް ނޫންކަން، ވެރިންނަކީ މުހިންމު ބައެއް ނޫންކަން އަޅުގަނޑުމެން ހުރިހާ ވެރިން އަދި ދެން އަންނަން ތިބި ވެރިން ވެެސް އެބަ ދަންނަންޖެހޭ." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަކާ ދިމާވާއިރު އިދިކޮޅު ފަރާތްތައް ޖަލުގައި ތިބުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށާއި އަދި ޔާމީން ޖަލުގައި ހުންނެވިޔަސް، ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިނިވަންކޮށް ބަހައްޓަން އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ބޮޑު ތަފާތަކުން އޭނާ އިންތިޚާބުގައި ބަލިކުރަން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ނުނިމި އޮތީ އެ މައްސަލާގެ ބޮޑުކަމުން ކަމަށާއި އިތުރު އާ ހެކިތައް ލިބިފައިވާތީ އެކަންކަމަށް އިތުރު ވަގުތު ނަގަނީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލާއި އެޓާނީ ޖެނެރަލަކީ އެކަމަށް ގާބިލް ބޭފުޅުން ކަމަށާއި އެއްވެސް މީހެއް މޫނަށް ބެލުމެއް ނެތި އިންސާފު ގާއިމް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ