ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓުން ނިންމާފައިވާ ނިޒާމެއް: ރައީސް މައުމޫން

ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު މަޝްވަރާ ކުރައްވައި، ރަނގަޅު ގޮތަކަށް ނިމޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވަގުތެއްގައެވެ.
ރައީސް ނަޝީދު "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ދެއްކެވި ވާހަކަތަކަށް ރައްދުދެއްވާ ރައީސް މައުމޫން ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި ދެ ފަރާތުން މަޝްވަރާކޮށްގެން ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެ ކަަމަށެވެ.
ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައީސް މައުމޫން ޓްވީޓު ކުރެއްވި އިރު ރައީސް ނަޝީދު ގެންދަވަނީ އެކި ރަސްމިއްޔާތުގައި ބަރުލަމާނީ ނިޒާމަށް ތާއިދު ކުރާކަން ދޭހަވާފަދަ ގޮތައް ވާހަކަ ދައްކަވަމުންނެވެ. އެކަމަކު މިކަމާ ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވަނީ ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅާފައި ވަނީ ސީދާ ރައްޔިތުން ކަމަށާއި، އެ ނިޒާމު ބަދަލު ކުރާނަމަ ފުރަތަމަ ދާން ޖެހޭނީ ރައްޔިތުންގެ ގާތަށް ކަމަށެވެ.
"އާސްކް ސްޕީކާ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަންނަ 2023ގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ނުލައްވާނެ ކަމެއްވެސް ނުވަތަ ލައްވާނެ ކަމެއްވެސް ރައީސް ނަޝިދު ވިދާޅެއް ނުވެއެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ، ޔަގީނުންވެސް ރައީސް ސޯލިހާއި އެމަނިކުފާނާއި ދެމީހުން އެއްބަސްވާ ކަމެއް ކުރައްވާނެ ކަމަށެވެ.
މީގެ އިތުރަށް ނަޝީދު ވިދާޅުވީ ރާއްޖެއާ އެންމެ ގުޅެނީ ބަރުލަމާނީ ނިޒާމު ކަމަށާއި ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގައި އޮތީ ވެސް ބަރުލަމާނީ ނިޒާމު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ