ހުޅުމާލޭ ކޯޓުން ނަޝީދުގެ މައްސަލަ ނުބެލުމުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބޭފުޅުންތަކެއްގެ މައްސަލަ ހުޅުމާލޭ ކޯޓުން ނުބަލައި އަނބުރާ ފޮނުވާލުމާ ގުޅިގެން އެ ނިންމުން ދައުލަތުން މިއަދު ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ނަޝީދުގެ އިތުރުން ދައުވާކުރަން ފޮނުވީ އެ މަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ އިތުރުން ބްރިގޭޑިއާ އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް އަހުމަދު ޒިޔާދުގެ މައްޗަށެވެ.
އެ މައްސަލަ ހުޅުމާލޭ ކޯޓަށް ހުށަހެޅުމުން އެ މައްސަލަ އެ ކޯޓަށް ބެލުމުގެ އިހްތިސާސް ލިބިފައިވާ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ބުނެ އެ ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ. އަދި އެ ނިންމުން އަލުން މުރާޖައާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އެދުމުން ވެސް އެ ކޯޓުން ބުނެފައިވަނީ އެ ނިންމުން ބަދަލު ނުކުރެވޭނެ ކަމަށެވެ.
ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ހުޅުމާލޭ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އަނބުރާ ފޮނުވާލި މައްސަލަ ދައުލަތުން މިއަދު ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައި ކޯޓުން މިއަދު ބަލައިގެންފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލަ ބަލައިގެންފައިވާ ކަމަށް ޕީޖީ އޮފީހުން ބުނި ނަމަވެސް ހައި ކޯޓުން އެކަން އަދި ކަށަވަރުކޮށެއް ނުދެ އެވެ.
އޮފިޝަލް ވިދާޅުވީ ހައި ކޯޓަށް ހުށަހެޅީ އެ ހުރިހާ ބޭފުޅުންގެ މައްސަލަތައް އެކީ ކަމަށާއި ސަބަބަކީ އެ މައްސަލަތައް ހުޅުމާލޭ ކޯޓުން ފޮނުވާލާފައިވަނީ ވެސް އެއް މައްސަލައެއްގެ ގޮތުގައި އެކީ އެއްފަހަރާ ކަމަށް ވާތީ އެވެ.
އެ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށެއް ނުކުރާ މީހަކު ގާނޫނާ ހިލާފަށް ހިފާ ހައްޔަރުކުރުމުގެ ކުށުގެ ދައުވާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ