ކަނާތާއި ވާތާއި ބޯ މަތިންނާއި ފައި ދަށުން ވެސް ކޮރަޕްޝަން: ގާސިމް

ސަރުކާރު ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހިނގަމުންދާ ކަމަށާއި ދައުލަތުގެ ދަރަންޏާއި ކޮރަޕްޝަން ގިނަވުމުން، އަންނަ އަހަރު ރާއްޖެ ބަނގުރޫޓް ވެސް ވެދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރު ވިދާޅުވީ ކޮރަޕްޝަންތަކުން ގައުމު ސަލާމަތްކުރަން ޖެހޭ ކަމަށެވެ.
"ވަރަށް ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް އަޅުގަނޑުމެންގެ ތެރޭގައި، ސަރުކާރުގެ ތެރޭގައި ހިނގަމުން މިދަނީ. ވާތުން ކަނާތަށް، ކަނާތުން ވާތަށް، ބޯމަތިންނާއި ފައި ދަށުން ވެސް ހަމަ ކޮރަޕްޝަން،" މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ހަމީދު (ފްލައި) ޑީއާރުޕީން ވަކިވެ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވަން ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވި އެވެ. "މިކަމުން ގައުމު ސަލާމަތްކޮށްގެން މެނުވީ އަޅުގަނޑުމެންނަކަށް އަޅުގަނޑުމެން ކުރާ ކަންތައްތަކެއް ނުކުރެވޭނެ."
ގާސިމް ވިދާޅުވީ ގައުމު ބަނގުރޫޓްވުމަށް މެދުވެރިވާ ސަބަބުތަކަކީ އެތައް ބިލިއަން ރުފިޔާގެ ޑެފިސިޓަކާ އެކު ކޮންމެ އަހަރެއްގެ ބަޖެޓް ފާސްކޮށް ދައުލަތުގެ ދަރަނި އިތުރުވުމާއި ކޮރަޕްޝަން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުޑަ ހަރަދަކުން ކުރެވެން އޮންނަ ކަންކަން ވެސް ކުރަނީ ހަރަދު ބޮޑުކޮށް ކަމަށާއި ކޮންމެ މީހަކު ވެސް ބަލަނީ ލިބެން އޮތް ގޮތަކަށް ފައިސާ ހޯދަން ކަމަށެވެ.
އާސަންދަ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ވެސް ވަރަށް ބޮޑެތި ނާޖާއިޒު ކަންކަން ހިންގާފައި އެބަހުރި ކަމަށާއި ބޮޑު ބައްޔެއް ވެއްޖެ ނަމަ މިހާރު ވެސް ރައްޔިތުން ޖެހެނީ ސަލާމް ޖަހަން ކަމަށް ގާސިމް ވިދާޅުވި އެވެ.
"ހަގީގަތުގައި ވަރަށް ބޮޑު ނިކަމެތިކަމެއް އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ލިބިގެން ދިޔައީ. މީހުންނަށް ހިޔާލު ވެސް ނުކުރެވޭވަރުގެ ނިކަމެތިކަމާ ކުރިމަތިލާން މި ޖެހެނީ،" ގާސިމް ވިދާޅުވި އެވެ.
އަންނަ އަހަރުގެ 16.9 ބިލިޔަން ރުފިޔާގެ ބަޖެޓުގައި ރައްޔިތުންނަށް ތަފާތު ކަންކަން ކޮށްދޭން ހިމަނާފައި އޮތަސް، އެ ފައިސާ ހޯދަން ދަތިވާނެ ކަމަށް، މައުމޫންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރަކަށް ހުންނަވައިގެން އެހާ ތަނަށް އެންމެ ބޮޑު ބަޖެޓެއް ހުށަހެޅުއްވި، ގާސިމް ވިދާޅުވި އެވެ.
އަންނަ އަހަރުގެ ޑެފިސިޓަކީ 2.3 ބިލިއަން ޑޮލަރު ކަމަށް ސަރުކާރުން ލަފާކުރިޔަސް ގާސިމް ވިދާޅުވީ "ހަގީގީ ޑެފިސިޓް ހަ ބިލިއަން ރުފިޔާއާ ގާތްކުރާނެ" ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަޖެޓް ޑެފިސިޓާއި ދަރަނި ކުޑަކުރުމަށްޓަކައި އާމްދަނީ އިތުރުކޮށް، ހަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ.
އެހެން ނޫން ނަމަ "އަނގަ އާއި އަތާ ދިމާނުވާނެ،" ގާސިމް ވިދާޅުވި އެވެ.
"މި ކަންތައްތަކާ މެދު ވިސްނާ ފިކުރުކުރާނެ އަދި އެކަންކަން ޕްރެކްޓިކަލީ ކުރެވޭނީ ކިހިނެއްތޯ ވިސްނާ މީހުން ހަގީގަތުގައި މައި ސޯބު ތެރޭގައި ނެތީ. މައި ސޯބު އެނބުރޭ ހިސާބުގައި ނެތީ. އެހެންވީމާ މިދެންނެވި ނިކަމެތިކަމާ ހިސާބަށް ވާސިލްވާން ޖެހުނީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ