ރައީސް ކުރައްވާ ޖިިިިހާދުގައި ރައްޔިތުން ބައިވެރިވުމަށް މިނިސްޓަރ ސައީދު ގޮވާލައްވައިފި

ރައީސް އަބްދުﷲ ޔާމީން ކުރައްވާ ޖިިިިހާދުގައި ރައްޔިތުން ބައިވެރިވުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައިދު ގޮވާލައްވައިފިއެވެ.
މިނިސްޓަރ ސައިދު މިގޮތަށް ގޮވާލެއްވީ މެދުހެންވޭރު ޕީޕީއެމް ކެންޑިޑޭޓް ހުސްނީ އަގީލްގެ ކެމްޕެއިން އިފްތިތާހްކުރުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރ ސައިދު ވިދާޅުވީ، އަންހެން ބޭފުޅުންނަކީ ގައުމަށް ވަަރަށްވެސް މުހިންމު ބޭފުޅުންކަމަށެވެ. އޭގެ އެއް ހެއްކަކީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުންކަމަށް މިނިސްޓަރ ސައިދުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
"ރައީސް ޔާމިންގެ ފަހަތްޕުޅުގަ މަސައްކަތް ކުރާ މި ޖީލުތަކަަށް ދިވެހި ރާއްޖޭގެ އަދި ހާއްސަކޮށް އަންހެން ކަނބަލުންނަށް މިފަހަރު ނުކުމެ، މި އިލެކްޝަންއާއި 2018 އާއި، އަދި 2019 ކާމިޔާބުކޮށްދިނުމަށް އަޅުގަނޑު އިލްތިމާސް ކުރަން" މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ރައީސް ޔާމިން 2018 އަށް ހޮވުމާއި، 2019އިގެ މަޖިލީސް ގޮޑިތައް ކާމިޔާބު ކުރުމާއި، މި އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ޖެހޭ ކަމަށެވެ.
"ސަބަބަކީ ފަގީރުކަމެއް ރިޔަލުގަ ތިބެގެން ގައުމު ބައިބައިކޮށް ގައުމު ނެތިކޮށްލަން ކުރާ މަސައްކަތަށް ކާމިޔާބު ހޯދައި ނުދިނުމަށްޓަކައި. ރައީސުލްޖުމްހޫރިއްޔާ ވަރަށް ކެރިގެން މި ކުރައްވާ ގައުމީ ޖިހާދުގަ ތިބޭފުޅުން، ދިވެހި ރައްޔިތުން. ހާއްސަކޮށް އަންހެން ކަނބަލުން ބައިވެރިވުމަށް" މިނިސްޓަރ ވިދާޅުވިއެވެ.
މި ރާއްޖޭއިން އިސްލާމް ދީން ނައްތާލުމަށް ބަޔަކު މަސައްކަތްކުރައްވާކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
"ވަރަށް ރޭވުންތެރިކަމާއެކު މި ގައުމު ފަގީރުކަމެއްގެ ތެެރެއަށް ވައްޓާލުމަށްޓަކައި ވަަރަށް ބޮޑެތި މަސައްކަތްތަކެއް އެތެރެއިންނާއި ބޭރުން އެބަކުރެޔޭ. ބަޔަކު މިއީ ވަަރަށް ބޮޑު ވާހަކަައެއް. އަދި އަޑުއައްސަވާނެ ދީނާއި ވެރިކަން ވަކިކުރުމުގެ ވާހަކަ. އެއީވެސް ވަަރަށް ބޮޑު ވާހަކައެއް. މި ފިކުރު ރާއްޖޭގެ ތިލިކުރަން ބަޔަކު މަސައްކަތް ކުރޭ" މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
އަދި މި ރާއްޖެއަކުން ބަންގީގެ އަޑެއްވެސް ނުކެނޑޭނެކަމަށާއި، އެކަން ކުރެވޭނެ އިންސާނެއް މި ދުނިޔަކު ނުހުންނާނެކަަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ސައިދު ވިދާޅުވީ، މާލޭގެ ކައުންސިލް ގޮޑިތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަކީ ވަަރަށްވެސް ހިތްވަރުގަަދަ ކެރޭ ބޭފުޅުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ