މަޖިލީހުގެ ރައީސް ކަމަށް ގާސިމް ކުރިމަތިލައްވަން ކައުންސިލުން ނިންމައިފި
މާދަމާ ހުވާކުރާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރެއްވުމަށް އެ ޕާޓީގެ ކައުންސިލްގެ އިއްތިފާގުން މިރޭ ފާސްކޮށްފި އެވެ.މ. ކުނޫޒްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރު ވިދާޅުވީ އެ ގޮތަށް ނިންމީ މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި ކަމަށެވެ. އަދި ގާސިމް އެ މަގާމަށް ކުރިމަތިލެއްވުމަކީ ޕީޕީއެމް އާއި ޖޭޕީއާ ދެމެދު އޮތް ކޯލިޝަން އެއްބަސްވުމާ ހިލާފު ކަމެއް ނޫން ކަމަށް ވެސް ކައުންސިލުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ."އެ ގޮތަށް ނިންމަން ޖެހުނީ މަޖިލީހުގެ ރައީސް ކަމުގެ މައްސަލައިގައި މަޝްވަރާކުރުމުގެ ރިވެތި އުސޫލު ދޫކޮށް، ހަމައެކަނި ސިޓީބިޓީ ބަދަލުކުރަން ޕީޕީއެމުން ނިންމުމުން،" ސަމީރު ވިދާޅުވި އެވެ.ޕީޕީއެމްގެ ފަރާތުން މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލާފައިވަނިކޮށް، ޖޭޕީން ބޭފުޅަކު ވާދަކުރައްވާ ނަމަ ކޯލިޝަން އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށް ޕީޕީއެމްގެ ކައުންސިލުން ރޭ ފާސްކޮށްފައިވެ އެވެ. އަދި އެފަދަ ހާލަތެއްގައި، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން ވަކިކޮށް، ޕީޕީއެމްގެ މެމްބަރުން އެ މަގާމުތަކަށް އައްޔަންކުރުމަށް ސަރުކާރަށް ހުށަހެޅުމަށް ވެސް ޕީޕީއެމުން ނިންމާފައިވެ އެވެ.ޕީޕީއެމުން މަޖިލީހުގެ ރައީސް ކަމަށް ނެރެނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މަަސީހު އެވެ. ޕީޕީއެމްގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ވާދަކުރައްވަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ