ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ އިމްތިޔާޒް ތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ނެރެފައިވާ އަމުރެއްގެ ދަށުން ކަމަށް ހައި ކޯޓުން ވިދާޅުވެއްޖެއެވެ.
ހައިކޯޓުން މިގޮތަށް ވިދާޅުވީ، ފުލުހުންގެ ބަންދުން ގާސިމް ދޫކޮށްލުމަށް، އެ ކޯޓުން މިއަދު ނެރުނު އަމުރުގައެވެ.
އަމުރުގައި ބުނެފައިވަނީ، ގާސިމް ހައްޔަރުކޮށްފައި ވަނީ ކުށެއް ކުރަނިކޮށް ނުވަތަ ކުށުގެ ވެށިން ނޫން ކަމަށާއި، އެފަދަ ހާލަތެއްގައި މަޖިލީހުގެ މެމްބަރަކު ހައްޔަރުކުރަން ވާނީ، ސުޕީރިއާރ ކޯޓެއްގެ ނުވަނަ އެއަށްވުރެ މަތީ ކޯޓެއްގެ އަމުރަކަށް ކަމަށެވެ.
"މި ފަދަ އަމުރަކަށް އެކޯޓުގައި އެދޭނީ އެމައްސަލައެއް ތަހްގީގް ކުރާ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލް ހުށައެޅުމުން ޕްރޮސެކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ އޭނާއެވެ" އެ އަމުރުގައި ބުނެފައިވެއެވެ.
އަދި އެކަން މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކާ ބެހޭ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާކަން ވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ގާސިމްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ، 13 ވަނަ މާއްދާގެ ހ. އާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްގެ ދަށުން، ގާސިމް ބަންދު ކުރެވިފައި ވަނިކޮށް، އެ އަމުރުގެ މައްޗަށް ބިނާ ކުރައްވައިގެންކަން އެނގެން އޮންނަ ކަމަށްވެސް އެ އަމުރުގައި ބުނެފައިވެއެވެ.
"ބާތިލްކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލު ކަމަކަށް ވާނެތީ ކްރިމިނަލް ކޯޓުގެ އަމުރަކީ ބާތިލު އަމުރެއްކަން އެނގެއެވެ" ހައިކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.
އެހެންކަމުން މި ހިނދުން ފެށިގެން ގާސިމް އިބްރާހިމް ދޫކޮށްލުމަށް ހައިކޯޓުން އަމުރުކޮށްފައިވެއެވެ.
ކޯޓު އަމުރެއްގެ ދަށުން ގާސިމް ހައްޔަރުކޮށްފައިވަނީ، މި މަހުގެ ހަވަނަ ދުވަހުއެވެ. އަދި މި މަހުގެ ހަތްވަނަ ދުވަހު ގާސިމްގެ ބަންދަށް ވަނީ ހަ ދުވަސް ޖަހާދީފައެވެ.
ގާސިމް ހައްޔަރުކުރީ ރިޝްވަތު ދިނުމާއި ގާނޫނީ ސަރުކާރު ބަދަލުކުރަން، ހިތްވަރު ދެމުންދާކަމުގެ ތުހުމަތުގައެވެ.
ގާސިމް ހައްޔަރު ކޮށްފައިވަނީ މަޖިލީހުގެ އިމްތިޔާޒް ގާނޫނާ ހިލާފަށް - ހައިކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ