ވާދަވެރިން ޖަލަށް ލައިގެން ކުރަނީ އޯގާތެރިވެރިކަމަކަށް ނުވާތީ އެކަމާ ދެކޮޅަށް ރައްޔިތުން ތެދުވާން ޖެހޭ: ޓޯޕީ

ސިޔާސީ ވާދަވެރިން ޖަލަށް ލައިގެން މިއަދު ކުރަނީ އޯގާތެރި ވެރިކަމެއް ނޫން ކަމަށްވާތީ އެކަމާ ދެކޮޅަށް ރައްޔިތުން ތެދުވާންޖެހޭ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޕޮލިޓިކަލް އެޑްވައިޒަރުކަން ކުރެއްވި އަހްމަދު ތައުފީގް (ޓޯޕީ) ވިދާޅުވެއްޖެ އެވެ.
ޓޯޕީ މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުން މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުންނެވެ.
ދައުލަތަށް ގިނަ ދުވަސްތަކަކު ހިދުމަތް ކުރައްވާފައިވާ ޓޯޕީ ވިދާޅުވީ ވެރިކަމެއް ނަމަ ކުރަންވާނީ ރައްޔިތުންނަށް އޯގާތެރިވެރިކަމެއް ކަމަށެވެ. ނަމަވެސް މިއަދު އެމަންޒަރު ފެނިގެން ނުދާކަން ފާހަގަކުރައްވާ ޓޯޕީ ވިދާޅުވީ ރައްޔިތުން ލޯބިވާ ސިޔާސީ ވާދަވެރިން ޖަލަށްލައިގެން މިއަދު ކުރަމުންދާ ވެރިކަމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ "ގަޓް" ހުރި އޯގާތެރިވެރިކަމެއް ކަމަށް ނުދެކޭ ކަމަށްވެސް ވިދާޅުވި އެވެ.
"ބައްލަވާ މިއަދު ޖަލުތަކަށް. ރާއްޖޭގެ އެންމެ ޒުވާން ތައުލީމީ މީހުން އެތިބީ ޖަލުތަކުގައި. މިގޮތަށް މީހުން ޖަލަށް ލައިގެން އެކުރަނީ ހެޔޮވެރިކަމެއް ނޫން. ސިޔާސީ ގޮތުން ހަސަދަވެރިން ތިބެގެން ނުވާނެ. ތިބެންވާނީ ވާދަވެރިން،" ޓޯޕީ ވިދާޅުވި އެވެ.
ރައީސް ވަހީދުގެ ސަރުކާރުގައި ތަރުޖަމާން ކަންވެސް ކުރައްވާފައިވާ ޓޯޕީ ވަނީ ސަރުކާރުގެ އަނިޔާވެރިކަން ހުއްޓާލައި ރައްޔިތުންނަށްޓަކައި އަދުލުވެރި އަދި އޯގާތެރި ވެރިކަމެއް ކޮށްދިނުމަށް ވެސް ސަރުކާރަށް ގޮވާލައްވާފަ އެވެ.
ރާއްޖޭގައި ތިއްބެވި އެންމެ މަގުބޫލު ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގުޅިވަޑައިގެން ފައްޓަވާފައިވާ އިސްލާހީ މަސައްކަތްތަކަށް ވެސް ޓޯޕީ ވަނީ ތައުރީފް ކުރައްވާފަ އެވެ. އެގޮތުން ޓޯޕީ ވިދާޅުވީ ގައުމު ހަމަމަގަށް އެޅުވުމަށްޓަކައި ހަތަރު ލީޑަރުން ފައްޓަވާފައިވާ މަސައްކަތްތަކުން ގައުމު ހަމަ މަގަށް އެޅިގެންދާނެ ކަމަށާއި ލީޑަރުންގެ މަސައްކަތަކީ ހެޔޮ މަސައްކަތްތަކެއް ކަަމަށެވެ.
ޓޯޕީ ވަނީ ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ހިދުމަތްކުރަން ނިކުމެ ތިއްބެވި ބޭފުޅުންގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ބަދަލުގައި އެފަދަ ބޭފުޅުންގެ މަސައްކަތްތަކަށް ހިތްވަރުދީ އެހީތެރިވުމަށް ވެސް ސަރުކާރަށް ގޮވާލައްވާފަ އެވެ.
ސަރުކާރުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ފިއްތުއްތައް ކުރިމަތިކުރަމުންދާ ކަން ފާހަގަކުރައްވަމުން ޓޯޕީ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކަށް ބެލިނަމަވެސް އަދި ކޮންމެ އާއިލާއަކަށް ބެލި ނަމަވެސް ގާސިމް އިބްރާހީމްގެ އެހީތެރިކަމާއި ހިދުމަތެއް ނުލިބޭ ދިމާލެއް ނޯންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ އަސާސީ ހިދުމަތްތައް ތަަރައްގީކުރުމަށާއި، ރަށްރަށުގެ އިޖުތިމާއީ ކުރިއެރުމަށާއި، ރައްޔިތުންނަށް ދަތިވާ ވަގުތު އެންމެ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދައިދިނުމަށް ވެސް އަމިއްލަފުޅު ހަރަދުގައި އެންމެ ބޮޑު އެހީތެރިކަމެއް ރައްޔިތުންނަށް ފޯރުކޮށްދެއްވާ ބޭފުޅަކީ ވެސް ގާސިމް ކަމަށްވެސް ވިދާޅުވި އެވެ. ގާސިމް އިބްރާހީމްގެ ރިސޯޓްތަކުގައި މުޅިން އާ ކަންކަން ތައާރަފްކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މިއަދު ފެނިގެންދާ ބޮޑެތި ބަދަލުތައް މިދާއިރާއަށް ގެނައުމަށްޓަކައި ވެސް ގާސިމް މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"ގާސިމް އިބްރާހީމް ފަދަ ހިދުމަތްތެރިން ގައުމުތަކުން ފެނިގެންދާނީ ވަރަށް މަދުން. އެފަދަ ހިދުމަތްތެރިންގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުރަންޖެހޭނެ ކަމެއް. ނަމަވެސް މިހާރު ފެނިގެން މިދަނީ އެއްވެސް ހައްގެއް ނެތި ގާސިމް އިބްރާހީމަށް އަނިޔާވެރިވަމުންދާ ތަން. މިއީ ހިތާމަކުރަންޖެހޭ ވަރުގެ ކަމެއް،" ޓޯޕީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ