ސްޓެލްކޯއިން އަލަށް ބެހެއްޓި ދެ އިންޖީނު ބޭނުންކުރަން ފެށޭނީ ދެ ހަފުތާ ފަހުން ކަމަށާއި އިންޖީނު ބެހެއްޓުމުގެ މަޝްރޫއު ފުރިހަމަ ނުވެ ލަސްވަމުން ދާތީ، ލޯޑް ބޮޑުވާ ގަޑިތަކުގައި އެމްޑަބްލިއުއެސްސީގެ ޕަވަ ޖަނަރޭޝަން ސިސްޓަމުން ކަރަންޓް ގަންނަން ފަށާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސަރުކާރުގެ ކަރަންޓް ކުންފުނިން ހިދުމަތުގެ ފެންވަރު މަތިކުރުމަށް ހިންގާ މަޝްރޫއާ ބެހޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޒައިދު މުހައްމަދު ވިދާޅުވީ ގާތްގަނޑަކަށް 28 މިލިއަން ޔޫރޯގެ މަޝްރޫއުގެ މަސައްކަތް ނިމުން ލަސްވުމުން، ލޯޑު ބޮޑުވާ ގަޑީގައި 700 ކިލޯވޮޓްގެ ކަރަންޓް އެމްޑަބްލިޔުއެސްސީ އިން ގަންނަ ކަމަށެވެ. އަދި އޭޕްރީލް މަހުން ފެށިގެން އެގޮތަށް ކަރަންޓް ގަންނަން ފަށާފައިވާ ކަމަށް ޒައިދު ވިދާޅުވި އެވެ.
ޑރ. ޒައިދު ވިދާޅުވި އެގޮތަށް ކަރަންޓް ގަންނަން ފެށުމުން، ކަރަންޓު ކެނޑޭ ވަރު މަދުކުރެވޭ ކަމަށެވެ. އަދި އެމްޑަބުލިޔުއެސްސީ އިން ކަރަންޓް ގަންނަނީ އެ ތަނަކީ ސްޓެލްކޯ ފިޔަވައި ދެން އެންމެ ބޮޑު ޕަވަ ޖެނެރޭޝަން ސިސްޓަމެއް ހުންނަ ތަނަށް ވުމުން ކަމަށް ވިދާޅުވި އެވެ.
ޒައިދު ވިދާޅުވީ އަލަށް ބެހެއްޓި 8.9 މެގަވޮޓްގެ ދެ ޖަނަރޭޓަރު ބޭނުންކުރަން ފެށުމުން، މާލެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުވާނެ ކަމަށެވެ. އަދި އެ ދެ ޖަނަރޭޓަރު ވެސް ދާއިމީކޮށް ހިންގަން ފެށުމުގެ ކުރިން ކުރަން ޖެހޭ ޓެސްޓްތައް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް އަޅުގަނޑުމެން މިދަނީ ޕްރޮޖެކްޓް އަވަހަށް ނިންމާލުމަށް ކޮންޓްރެކްޓަރާއެކު މަޝްވަރާކުރަމުން. އެކަމަކު އިންޖީނުތައް އަޅުގަނޑުމެންނާ ހަވާލުކުރުމުގެ ކުރިން ކޮންޓްރެކްޓަރު ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް ހުރޭ،" ޒައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް އޭޕްރިލް ،2 2009ގައި، ޖަރުމަނު އަދި ޑެންމާކުގެ ކުންފުންޏަކާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏާ ހަވާލުކުރި މަސައްކަތް އެންމެ ފުރަތަމަ ނިންމަން އެއްބަސްވެފައި އޮތީ ނޮވެމްބަރު 2011ގެ ނިޔަލަށް ކަމަށެވެ. ނަމަވެސް އޭގެ ފަހުން މުއްދަތު އެކި ފަހަރުމަތިން އިތުރުކުރަމުން ގޮސް އެންމެ ފަހުން އެއްބަސްވީ ޖޫން 1ގެ ނިޔަލަށް ނިންމަން ކަމަށް ވެސް ޒައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތަށް ނުނިމި ލަސްވުމުގެ ސަބަބުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ކޮންޓްރެކްޓަރު އަތުން ހޯދާނެ ކަމަށެވެ.
"ޕްރޮޖެކްޓް ލަސްވުމުން ކޮންޓްރެކްޓަރު ނަގަން ޖެހޭ ޒިންމާތަކެއް ހުރޭ. އެގޮތުން އަޅުގަނޑުމެންނަށް ކްލައިމްކުރެވޭނެ މަސައްކަތް ލަސްވުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން. އެކަން އަޅުގަނޑުމެންގެ ކޮންސަލްޓެންޓާ ވާހަކަދައްކައިގެން ކުރިޔަށް ގެންދާނަން،" ޑރ. ޒައިދު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީނިއާ އިންޖިނިއަރު އިބްރާހިމް ނިޒާމް ވިދާޅުވީ މިދިޔަ މަހާއި މި މަހު އެވްރެޖްކޮށް މާލޭގެ ފިނިހޫނުމިން 32 ޑިގްރީއާ ހަމަޔަށް މައްޗަށް ދިއުމުން ކަރަންޓްގެ ޑިމާންޑް ބައެއް ވަގުތު 41 މެގަވޮޓަށް އަރާ ކަމަށެވެ.
"ނަމަވެސް މިހާރު މަޑުމަޑުން ފިނިހޫނު މިން ދަނީ ދަށްވަމުން. ފިނިހޫނުމިން މަތިވުމުން ކަރަންޓްގެ ލޯޑު މައްޗަށްދޭ. ހާއްސަކޮށް ދުވާލު ވަގުތުތަކުގައި،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނީގެ އިންޖިނިއަރު އިބްރާހިމް ނާޝިދު ވިދާޅުވީ މާލޭގެ ލޯޑަށްވުރެ ތިން މެގަވޮޓްގެ ކަރަންޓް ޕީކްގަޑީގައި އިތުރުވާ ކަމަށެވެ. އަދި ލޯޑު މަތިވުމުން އެވްރެޖްކޮށް ދުވާލަކު ވިއްސަކަށް އޭރިއާއިން ގަޑިއެއްހާއިރަށް ކަރަންޓް ކަނޑަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލޯޑު ބޮޑުވާ ގަޑިތަކުގައި އެމްޑަބްލިޔުއެސްސީގެ ކަރަންޓް ސްޓެލްކޯ އަށް ގަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ