ކުޑަ ކަތީބަށް ރިޝްވަތު ދިން ކަމަށް ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި

ކުޑަ ކަތީބަށް ރިޝްވަތު ދިންކަން ސާބިތުވެ ހަތަރު އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް މީހެއްގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމެއް ހައި ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.
ހައި ކޯޓުން އިއްޔެ ބާތިލްކޮށްފައި ވަނީ ނ. ވެލިދޫ ވެލާނާގެ މުހައްމަދު އައްބާސް އޭނާގެ ކޮއްކޮގެ އުފަން ތާރީހަށް ބަދަލު ގެނައުމަށް އެ ރަށު ކުޑަކަތީބު، އެރަށު، ހިޖްރަ، އިބްރާހިމް ޒަކީ އަށް 10،000ރ. ދިން ކަން ސާބިތުވާ ކަމަށް ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އެ މައްސަލައިގައި ހެކިބަސް ދިން ނ. ވެލިދޫ، އަސްދޫ މުހައްމަދު ސައީދު ތަހުގީގުގަ އާއި ޝަރީއަތުގައި ދެގޮތަށް ހެކިބަސްދީފައިވާ ކަމަށެވެ. ތަހުގީގަށް މުހައްމަދު ސައީދު ދިން ބަޔާނުގައި އައްބާސްގެ ކޮއްކޮގެ އުފަން ތާރީހު ބަދަލުކޮށްދިނުމަށް އެދުމުން ކުޑަ ކަތީބު އެކަންކޮށްދިނީ 10،000ރ. ދީގެން ކަމަށް އައްބާސް ބުނި ކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް ނ. މަނަދޫ ކޯޓަށް ދިން ބަޔާނުގައި އައްބާސްގެ ކޮއްކޮގެ އުފަން ތާރީހަށް ބަދަލު ގެނެވޭނީ 10،000ރ. ދިނުމުން ކަމަށް ކުޑަކަތީބު ބުނި ކަމަށް އައްބާސް، މުހައްމަދު ސައީދު ގާތު ބުނި ކަމަށް މުހައްމަދު ސައީދު ބުނެފައިވާ ކަމަށެވެ.
ދެފަހަރު ދެގޮތަށް ބަޔާންދީފައި ވާތީ މުހައްމަދު ސައީދު ހައި ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުގައި ހުވާކޮށްފައި އޭނާ ބުނީ އޭގެ ތެރެއިން ރަނގަޅީ މަނަދޫ ކޯޓަށް ދިން ބަޔާން ކަމަށެވެ.
އެހެންވެ މުހައްމަދު ސައީދުގެ ހެކިބަހަކީ ކާފިއީ ހެކި ބަހެއްކަމުގައި ބައްލަވައި ނިންމަވާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ނުވާތީ މަނަދޫ ކޯޓުގެ އެ ހުކުމް، ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކުރާ ކަމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އައްބާސް ޝަރީފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ