މުސްލިމުންނާއި ދެކޮޅަށް ބަރުމާގައި ހިންގަމުން އަންނަ ލޭއޮހޮރުވުންތަކާއި ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން އަޑުއުފުލައިފި

ބަރުމާގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ބުދިސްޓުން ހިންގަމުން އަންނަ ލޭއޮހޮރުވުންތަކާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ފަލަސްތީނުގެ ޣައްޒާގައި އެޤައުމުގެ ރައްޔިތުން މުޒާހަރާކޮށްފިއެވެ.ބަރުމާގެ މުސްލިމުންގެ ޙައްޤުގައި ބޭއްވުނު މިމުޒާހަރާ އިންތިޒާމުކޮށްފައިވަނީ ޣައްޒާގެ މިނިސްޓްރީ އޮފް އެންޑޯމެންޓާއި އަދި ފަލަސްތީނުގެ މުސްލިމް ޢިލްމުވެރިންގެ ފައުންޑޭޝަނުންނެވެ.މުޒާހަރަގެ ބައިވެރިންވަނީ ބަރުމާގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ބުދިސްތުން ހިންގަމުން އަންނަ ލާއިންސާނީ ޢަމަލުތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ބަރުމާގެ ލޭއޮހޮރުވުންތަކާއި ދެކޮޅަށް ބައިނަލްއަޤްވާމީ ޖަމާޢަތުން ހަނުހުރުމީ އެއީ މުޅި އިންސާނިއްޔަތައްވެވޭ ޚިޔާނާތެއްކަމަށް މުޒާހަރާގެ ބައިވެރިން ހާމަކުރިއެވެ.“މުސްލިމުން ކަތިލެވެމުންދާއިރު ބައިނަލްއަޤްވާމީ މުޖްތަމަޢުއިން އެކަމާއިމެދު ކަންބޮޑުވުން ފާޅުނުކުރުން އެއީ އާކަމެއް ނޫން. އެއީ ދުނިޔޭގަ މިހާރު ކަން ހިނގަމުން އަންނަ ގޮތް. މުސްލިމު ނޫން ބަޔަކަށް އެހެން ބަޔަކު ގެއްލުމެއްދޭކަމުގައިވަނީނަމަ މުޅި ހުޅަނގުން ޑިމޮކްރަސީގެ ނަމުގައި ތެދުވާނެ،” ފަލަސްތީނުގެ މުސްލިމް ޢިލްމުވެރިންގެ ފައުންޑޭޝަނުގެ އިސް ބޭފުޅެއްކަމުގައިވާ ސާލިމް ސަލާމާ ވިދާޅުވިއެވެ.“އަޅުގަނޑުމެން މުސްލިމު ޤައުމުތަކަށް ގޮވާލާނީ ހޭލުމަށް އަދި ބަރުމާގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުން އަންނަ ޢުދުވާނުތަކާއި ދެކޮޅަށް މުސްލިމު ޤައުމުތަކުން ނިކުތުމަށް. މުސްލިމުން ސަލާމަތްކުރުމަށް އަތުކުރި އޮޅާލައިގެން މަސައްކަތްކުރުމަށް،” އޭނާ ހާމަކުރެއްވިއެވެ.ރިޕޯޓްތަކުން ބުނާގޮތުގައި ބަރުމާގެ މުސްލިމު މައިނޯރިޓީއާއި ދެކޮޅަށް އެޤައުމުގެ ބުދިސްޓުންނާއި ސަރުކާރުން ހިންގަމުން އަންނަ ލޭއޮހޮރުވުންތަކުގައި އެތަކެއް ހާސް މުސްލިމުން މަރުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ