ފުރަބަންދަށް ތައްޔާރުވެފައި އޮތް ނަމަވެސް އިންތިޒާމު ނުވާ ކަންކަން ހުރި: ސޯބެ

އައްޑޫ ސިޓީ އިއްޔެ ފުރަބަންދު ކުރުމަކީ ޝޮކެއް ގޮތަށް އައި ކަމެއް ނޫން ކަމަށާއި އެ ހާލަތަށް އައްޑޫ ސިޓީ އޮތީ ތައްޔާރުވެފައި ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސޯބެ ވިދާޅުވީ އައްޑޫ އިން މާލެ ގެނައި ބަލި މީހެއްގެ ގައިން ނެގި ސުންކު (ސާމްޕަލް) ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އައްޑޫ ފުރަބަންދު ކުރިއިރު ގިނަ ކަންކަމަށް އައްޑޫ ސިޓީ އޮތީ ތައްޔާރުވެފައިވާ ކަމަށެވެ. އެހެންނަމަވެސް ފުރަބަންދު ކުރުމުން އިންތިޒާމް ނުވެ ހުރި ކަންކަން އެނގުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައްޑޫ ސިޓީން އެބައްޔަށް ޝައްކުވި މީހާގެ އިތުރު ސުންކުތައް ނަގާ ހެދި ޓެސްޓްތަކުން އޭނާ ކޮވިޑް-19 އަށް ނައްްސިކަން ވަނީ ހާމަވެފައެވެ. އެއާއި އެކު އެ ސިޓީގެ ފުރަބަންދު އުވާލި ނަމަވެސް ދެން އެފަދަ ހާލަތެއް އައިސްދާނެ ކަމަށް އިތުރަށް ތައްޔާރުވާން ކުރަން ޖެހޭ ކަންކަން ދެނެގަނެވިފައިވާ ކަމަށް އޭނާ ވަނީ ފާހަގަކުރެއްވިއެވެ.
"އޮފީސްތައް ވެސް އެބަހުރި އެހެން މުއައްސަސާތައް ވެސް އެބަހުރި. އެހެންވީމަ ވަރަށް ކުއްލިއަކަށް އެކި ދިމަދިމާލުން ހުއްދަތަކަށް އެދެން ފެށީ. އެހެންވީމަ އޭގެ ސަބަބުން 400 އާއި 500އެއްހާ ހުއްދައަށް އެއްފަހަރާ އެދުމުގެ ސަބަބުން އެ ހުއްދަތައް އެއްފަހަރާ ދިނުމުގައި އުނދަނގޫތަކެއް ދިމާވި. މިއީ އަސްލުގައި ކުއްލިއަކަށް ދިމާވި ދިމާވުމެއް. އޭގައި ވެސް އަޅުގަނޑުމެންނަށް އެނގިގެން ދިޔަ ހަގީގަތުގައި ވެސް ބައެއްކަންކަން ހަގީގަތުގައި ވެސް އިންތިޒާމް ނުވެ ހުރިކަން." ސޯބެ ވިދާޅުވިއެވެ.
އައްޑޫގެ ފުރަބަންދުގެ ހާލަތު އުވާލާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިއްޔެ އެ ސިޓީ 14 ދުވަހަށް ފުރަބަންދު ކޮށްފައި ވަނީ، އެ ސިޓީގެ މީހަކު ބަލިވެގެން މާލެ އަށް ގެނެސް ނެގި ސުންކު ކޮވިޑް-19އަށް ފައްސިވުމުންނެވެ.
އެ މީހާއަކީ އައްޑޫ މަރަދޫފޭދޫ އަށް އުފަން، އެކަމަކު ހިތަދޫގައި ދިރިއުޅެމުން އަންނަ މެދުއުމުރުގެ މީހެއް ކަމަށް ވާއިރު އޭނާއަކީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ހިތުގެ މައްސަލައެއްގައި ފަރުވާ ހޯދުމަށް ދިޔަ މީހެކެވެ.
އަދި އޭނާގެ އިތުރު ޓެސްޓުތައް ހެދުމަށް މާލެ ފޮނުވާލުމުން، އައިޖީއެމްއެޗްގެ އޮންނަ އުސޫލުގެ ތެރެއިން ފުރަތަމަ ހެދި ކޮވިޑް-19ގެ ޓެސްޓުގެ ނަތީޖާ ވަނީ ފައްސިވި ނަަމަވެސް ފަހުން ނެގި އޭނާގެ ދެ ސުންކު ވެސް ވަނީ ނައްސިވެފައެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައި ވަނީ ފުރަބަންދުގެ ހާލަތު އައްޑޫގައި އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިހާރު ނެތް ކަމަށާއި އެހެންކަމުން ފުރަބަންދުގެ ހާލަތު އުވާލުމަށް އަންގާ ކަމަށެވެ. އަދި ފުރަބަންދުގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް ނިމުމަކަށް ގެންނަން ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ