ކުޅުދުއްފުށީ ރައްޔިތުން އަބަދުވެސް ވޯޓުދޭނީ ތަރައްގީއަށް: މެމްބަރު ޔާސިރު

ކުޅުދުއްފުށީ ރައްޔިތުން އަބަދުވެސް ވޯޓުދޭނީ ތަރައްގީއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ ކުޅުދުއްފުށި ސިޓީ އެއާޕޯޓް މައްސަލައިގައި ސަރުކާރުން އަމަލުކުރާގޮތާ މެދު ނުރުހުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
މެމްބަރު ޔާސިރު ވިދާޅުވީ ރައީސް ޔާމީންގެ ނުފުއްދާ އޮތް ވައުދު، ތާރުގަނޑަކުން އޮޕަރޭޝަނަލް އެއާާޕޯޓަކަށް މިސަރުކާރުން 10 މަސް ތެރޭ ބަދަލުކުރި ކަމަށެވެ.
އެހެންނަމަވެސް އިތުރަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ނުކުރެވި 3 އަހަރު ވެގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށާއި ކުޅުދުއްފުށި ރައްޔިތުން އަބަދުވެސް ވޯޓު ދޭނީ ތަރައްގީއަށް ކަމަށް ޔާސިރު ވިދާޅުވިއެވެ.
މެމްބަރުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދާދިފަހުން ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި އަތޮޅު ކައުންސިލާއެކު ބައްދަލުކުރައްވައި ސަރުކާރުން ހދ. އަތޮޅުގައި ކުރިޔަށްގެންދަވާ ތަރައްގީގެ އެކި މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.
ރައީސް ވަނީ ކުޅުދުއްފުށީ ކައުންސިލާއެކު އޮންލައިން ބައްދަލުކުރެއްވުމެއް ޖުލައިމަހުގެ ފުރަތަމަ ދުވަހުވެސް ބާއްވަވާފައެވެ.
އެ ބައްދަލުވުމުގައި ސަރުކާރުން މިހާރު ތަޢާރަފުކޮށްފައިވާ ގެދޮރުވެރިޔާ ލޯނު ސްކީމުގެ ސަބަބުން ކުޅުދުއްފުށީ ސިޓީގެ ގެދޮރުވެރިކަމުގެ މައްސަލަތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައު ޚިދުމަތްތައް ތަޢާރަފްކުރުމާއި ޚިދުމަތްތަކުގެ ފެންވަރުގެ މަތިކުރުމުގެ ގޮތުން މިހާރު ކުރިޔަށްދާ އެކްސްޕޭންޝަންގެ މަސައްކަތްތަކާއެކު ސިއްހީ ދާއިރާއަށް އަންނަމުންދާ ހެޔޮ ބަދަލުތައް ސިޓީ ކައުންސިލުން ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ