ނަޝީދަކީ ދިވެހި ގައުމިއްޔަތަށް ހުރި ނުރައްކަލެއް: އުމަރު

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ދިވެހި ގައުމިއްޔަތަށް ހުރި ނުރައްކަލެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވެފައިމިވަނީ، ދާދިފަހުން ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަވަމުން ކައިވެނީގެ ބޭރުން ގުޅުން ހިންގައިގެން ދަރިން ލިބުމުގެ މައްސަލައަށް އޮތް ހައްލަކީ، ކައިވެނި ނުކުރާ އަންހެނުންނަށް ނުވިހާ އޮޕަރޭޝަން ކުރުމުގެ ފުރުސަތު ދިނުން ކަމަށް ވިދާޅުވެ ނަޝީދު ދެއްކި ވާހަކަފުޅަށް ރައްދު ދެއްވައި މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އުމަރު ވިދާޅުވީ "ބޮވޭނެ، ބޯން ޖެހޭ" ފަދަ ވިސްނުމާއި ކީރިތި ރަސޫލާއަށް ހަޖޫ ޖެހުމާއި ގައުމުގެ މިނިވަންކަން ގެއްލޭ ފަދަ ނިންމުންތައް ވެރިކަމުގައި ހުރެ ނިންމުމުގެ ސަބަބުން ނަޝީދާ ދެކޮޅަށް އަބަދުވެސް ދިވެހިން ތެދުވަންޖެހޭނެ ކަމަށެވެ.
"ރައީސް ނަޝީދަކީ ލާދީނީ ބޭފުޅެއް އަދި ދިވެހި ގައުމިއްޔަތަށް ހުރި ނުރައްކަލެއް" އުމަރު ވިދާޅުވިއެވެ.
އެ ޖަލްސާގައި ދެއްކި ވާހަކަތަކާ ގުޅިގެން ނަޝީދަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާއިރު ބައެއް ދީނީ އިލްމުވެރިން ވަނީ ނަޝީދު ދެއްކި އެ ވާހަކަތަކަކީ ކަނޑައެޅިގެން އިސްލާމްދީނާ ޚިލާފު ވާހަކައެއް ކަމަށާއި އެ ވާހަކަތަކުގައި ނުސީދާކޮށް ބާރުދެނީ ނުބައި މަގަކަށް ކަމަށެވެ.
އަދި ޒިނޭކުރުން ފަދަ ނުބައި ކަންކަން ޕްރޮމޯޓް ކުރުމަކީ އެންމެ ބޮޑު ނުބައި ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ