ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީގުހެ އިންތިހާބުގައި ތ. ގުރައިދޫ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ މުހައްމަދު ގައްސާން މައުމޫނާ ދެކޮޅަށް ކެންޑިޑޭޓަކު ނެރެ، އެ ކެންޑިޑޭޓަށް ތާއީދު ކުރައްވާކަން ޣައްސާނުގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު އިއުލާން ކުރައްވައިފި އެވެ.
ރައީސް މައުމޫން މިކަން އިއުލާން ކުރެއްވީ އެމަނިކުފާން ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެޓުވީޓްގައި ގުރައިދޫ ދާއިރާއަށް އެމަނިކުފާނުގެ ސަޕޯޓާއެކު މިހާރު ނިކުންނަވާ މުހައްމަދު އިބްރާހިމް މަނިކު (މޮހޮދޭ) ގެ ޓްވީޓެއް ޓެގްކުރައްވައި، މޮހޮދޭއަށް މަރުހަބާ ދަންނަވައި ކާމިޔާބަށް އެދިވަޑައިގަންނަވާކަމުގައިވެސް ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫންގެ ފަރާތުން 30 އަށްވުރެ ގިނަ ކެނޑިޑޭޓުން ނެރޭނެ ކަމަށް ބެލެވޭ އިރު، މަޖިލިސް އިންތިހާބަށް މޮހޮދޭ މިހާރު ވަނީ ކެމްޕެއިން ވެސް ފަށާފައެވެ. އަދި އޭނާ ކެމްޕެއިން ކުރައްވަނީ ވެސް ރައީސް މައުމޫންގެ ނަންފުޅާއެކުގައެވެ.
މޮހޮދޭ އަށް ތާއީދު ކުރާކަމަށް މައުމޫން ވިދާޅުވެފައި ވާއިރު ޕީޕީއެމުން ޣައްސާނަށް ޓިކެޓް ދީފައި ވަނީ މީގެ ދުވަސްތަކެއް ކުރިންނެވެ.
ޕީޕީއެމްގެ އެތެރޭގައި ޖެހުނު ހޫނު މައްސަލަގަނޑުގެ ތެރޭގައިވެސް އަދި މިހާތަނަށްވެސް ޣައްސާނު ހުންނަވަނީ ކުރީގެ ރައީސް ޔާމީނާއި އެކުއެވެ. އެއާއެކު ރައީސް މައުމޫނާއި ޣައްސާނު އާއި އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާކަމަށް ސޯސަލްމީޑިއާގައި ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އަދި ރައީސް ޔާމިންގެ ސަރުކާރުގައި ރައީސް މައުމޫނާއި ބޭބޭފުޅު އަހުމަދު ފާރިސް މައުމޫނާއި ދައްތާފުޅު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރުމުން ވެސް ޣައްސާން އެއްޗެއް ވިދާޅުވެފައި ނުވާއިރު، އޭރު ވެސް ޣައްސާން ހުންނެވި ޔާމިން ސަރުކާރުގެ އިސް މަގާމެއްގައެވެ.
އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާތަނަށް ޕީޕީއެމާއި ޕީއެންސީން މަޖިލީހުގެ 56 ދާއިރާއަކަށް ވާދަކުރަން ނިންމާފައި ވާއިރު، އެމްޑިޕީން ނިންމާފައި ވަނީ 86 ދާއިރާއަށް ވާދަ ކުރުމަށެވެ. އަދި ޖުމްހޫރީ ޕާޓީއިން މަޖިލީހުގެ 36 ދައިރާއަށް ވާދަކުރާއިރު، އަދާލަތުން ނިންމާފައި ވަނީ 13 ދާއިރާއަކަށް ވާދަކުރަން ނިންމާފައެވެ.
ދަރިކަލުން ޣައްސާނާއި ދެކޮޅަށް މައުމޫން ކެންޑިޑޭޓަކު ނެރުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ