300 މީހުން ހައްޖަށް ދާން ދެއްކި ފައިސާ ވަނީ ބޭނުންކޮށްފައި – ކޮމިޓީ

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި، ހައްޖު ކޯޕަރޭޝަނަށް ދައްކާފައިވާ ފައިސާގެ ތެރެއިން 300 މީހުން ހައްޖަށް ގެންދަން ބޭނުންވާ މިންވަރަށް ފައިސާ އެ ކޯޕަރޭޝަނުން އެކި ގޮތްގޮތަށް ބޭނުންކޮށްފައިވާ ކަމަށް ޓްރާންސިޝަން ކޮމިޓީން ވިދާޅުވެއްޖެއެވެ.
ޓްރާންސިޝަން ކޮމިޓީން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ހައްޖު ކޯޕަރޭޝަން އުފައްދާފައިވަނީ ދިވެހި ވަރަށް ގިނަ ރައްޔިތުން ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ކަށަވަރު ކަމާއެކީ އެކަން ބޭނުންފުޅުވެގެން އެކަމަށް ފައިސާ ދައްކައިގެން އެކަން ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ކަށަވަރު ކަމާއެކީ ދައުލަތުން ޔަޤީންކަމާ އެކީ އެކަން ކޮށްދިނުމުގެ މަޤްޞަދުގައި ކަމަށާއި، ނަމަވެސް އެ މަޤްޞަދުތައް ހާސިލުވެފައި ނުވާ ކަމަށެވެ.
ޓްރާންސިޝަން ކޮމިޓީން ވިދާޅުވީ، އެޑްވާންސްކޮށް ހައްޖަށް ދިއުމަށް ދައްކާފައިވާ ފައިސާގެ ތެރެއިން އެތައް މިލިއަން ރުފިޔާއެއް ބޭނުންކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ހައްޖުގެ މަތިވެރި އަޅުކަކުރުމަށް އެ ފަރާތްތައް ހައްޖަށް ފޮނުވުމަށް ސަރުކާރުގެ އެހީތެރިކަމާ ނުލައި ކުރެވޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ލަފާކުރެވޭ ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ މިހާރު އެކުންފުނީގެ އެކައުންޓުގައި އެކި ކަންކަމަށް ޚަރަދު ކޮށްފައި ނުވަތަ އެކި ގޮތްގޮތަށް ޚަރަދު ހިނގާފަވޭ. އެ ފައިސާއަކީ ކުރިއަށް އޮތް 5 އަހަރަށް އެކި އަރަރުތަކަށް ބަހާލައިގެން މީހުން ކުންފުންޏަށް އެޑްވާންސްކޮށް ހައްޖަށް ދާން ދައްކާފައިހުރި ފައިސާ. އަޅުގަނޑުމެނަށް މިހާރު ލިބުނު މަޢުލޫމާތަށް ބަލާއިރު، އެ ފައިސާގެ ތެރެއިން 300 މީހުނަށް ހައްޖަށް ދެވޭނެ ފައިސާ މިހާރަކު ނެތް." ޓްރާންސިޝަން ކޮމެޓީން ވިދާޅުވިއެވެ.
"މިތަން އުފައްދަން ދިމާވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ބައެއް އަމިއްލަ ފަރާތަތްކުން ހައްޖަށް މީހުން ގެންދިއުމުގެ ނަމުގައި ލާރި ނަގާފަ އެމީހުނަށް ހައްޖަށް ދިއުމުގެ ފުރުޞަތު ނުލިބިފައި ވާތީއާއި، އަދި އެމީހުނަށް ހައްޖަށް ގެންގޮސްދިނުމުގެ މަޤްޞަދުގަޔާ އެކީ މިކަން ކުރީ. އަޅުގަނޑުމެން ބެލިއިރުގައި ކުރިން ފައިސާ ފައްކާފައި ނުދެވިތިބި އެންމެންނަކަށް އަދިވެސް ހައްޖު ކޯޕަރޭޝަން ހަދައިގެން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެވިފައެއް ނެތް. އެހެންވީމަ އެއް މަޤްޞަދު ހާސިލެއް ނުކުރެވޭ." ޓްރާންސިޝަން ކޮމެޓީން ވިދާޅުވިއެވެ.
ޓްރާންސިޝަން ކޮމެޓީން ފާހަގަކުރި އިތުރު މައްސަލަތަކުގެ ތެރޭގައި 2018 ވަނަ އަހަރު ހައްޖަށް ފޮނުވި މީހުންނަށް ކޮންމެ މީހަކަށް ސަރުކާރުން 20000ރ ދައްކަން ޖެހިފައިވުމާއި، ސިޔާސީ ބައެއް ފަރާތްތަކުގެ ނުފޫޒުގައި ބައެއް މީހުން ހައްޖަށް ފޮނުވުމުގެ އިތުރުން، ކްރެޑިޓަށް (ފަހުން ފައިސާ ދައްކާގޮތަށް) މީހުން ހައްޖަށް ފޮނުވާފައިވުންވެސް ހިމެނެއެވެ.
"އަދި ހިނގާފަ އެބަހުރި ސިޔާސީ ބައެއް ބޭފުޅުންގެ ނުފޫޒުގައި އެބޭފުޅުން ބޭނުންވާ ވަކި ބޭފުޅުންތައް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ފޮނުވާފައި، އަދި ކްރެޑިޓަށް މީހުން ހައްޖައް ފޮނުވާފައި. އެއީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށް އުފެއްދި ކުންފުނީގެ މައިގަނޑު މަޤްޞަދުގެ ތެރެއިން ވަރަށް ބޮޑަށް ބޭރަށް ހިނގާފަހުރި ކަންކަން." ޓްރާންސިޝަން ކޮމެޓީން ވިދާޅުވިއެވެ.
ޓްރާންސިޝަން ކޮމެޓީން ވިދާޅުވީ، އަގުހެޔޮކޮށް އިތުބާރާއެކީ ރައްޔިތުން ހައްޖަށް ފޮނުވުމަށް އުފައްދާފައިވާ ހައްޖު ކޯޕަރޭޝަނުގެ ތެރޭގައި ހިތާމަކުރާ ކަހަލަ ކަންތައްތައް ހިނގާފަ ހުރިކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
"އެއީ ކޮރަޕްޝަނުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް މި ކުންފުނީގެ ފަރާތުން ބޭނުންވާ ވަރަށް ޔަޤީންކަމާ އެކީގައި ސަރުކާރުން އިތުރު އެހީއަކާ ނުލައި ހައްޖުގެ އަޅުކަން ކުރެވޭނެތޯ ނޫންތޯ؟ އެކަމާ ދޭތެރޭގައި އަޅުގަނޑުމެންނަށް ޝައްކު އުފެދޭ." ޓްރާންސިޝަން ކޮމެޓީން ވިދާޅުވިއެވެ.
އެ ކޮމެޓީން އިތުރަށް ވިދާޅުވީ، އައު ސަރުކާރުން ހައްޖު ކޯޕަރޭޝަނުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ކަށަވަރު ކަމާއެކު ރައްޔިތުންނަށް ހައްޖަށް ދެވޭނެ ގޮތް ހޯދަދޭން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރުން ހަވާލުވެގެން އެކަންކަން އިސްލާހުކޮށް އެ ހުރިހާ ފަރާތްތަކަށް ކަށަވަރުކަމާއެކު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭނެ ގޮތްތައް އިރާދަ ކުރެއްވިއްޔާ ހޯދަވެވޭނެ. އަދި މި ކުންފުނި ހަވާލުވާ ފަރާތަކުންވެސް މިކަންކަން އިސްލާހުކޮށް މިކަންކަން ތަކުރާރު ނުވާނެ ގޮތަށް ކަންކަން ބައްޓަން ކުރަން ޖެހޭނެ." ޓްރާންސިޝަން ކޮމެޓީން ވިދާޅުވިއެވެ.
ޓްރާންސިޝަން ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައްޖު ކޯޕަރޭޝަނުގެ އިތުރުން އެހެނިހެން ކުންފުނިތަކާ ގުޅޭގޮތުންވެސް ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ