ހައްޖަށްދާން މީހުން ދެއްކި ފައިސާ ނަހަމަ ގޮތުގައި ބޭނުން ނުކުރާ ކަމަށް ބުނެފި

ހައްޖު ކޮޕަރޭޝަނުން ހައްޖަށް ދާން ފައިސާ ދެއްކި މީހުންގެ ފައިސާ އެހެން ކަންތައްތަކަށް ބޭނުން ނުކުރާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ. ޓްރާސްސިޝަން ކޮމިޓީ އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަނަށް މީހުން ދެއްކި ފައިސާގެ ތެރެއިން 30 މިލިއަން ރުފިޔާ އެހެން ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށެވެ. ޓްރާސްސިޝަން ކޮމިޓީގެ ތުހުމަތުތައް ދޮގުކޮށް މިއަދު އެ ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހައްޖަށްދާން ރައްޔިތުން ދައްކާ ފައިސާ ރައްކާކޮށްފައި ހުންނާނީ އެކަމަށް ހާއްސަ ބޭންކް އެކައުޓެއްގައި ކަމަށާއި ހައްޖަށް މީހުން ފޮނުވުމަށް ހިނގާ ހަރަދުތައް ފިޔަވައި އެހެން އެއްވެސް ހަރަދެެއް އެ ފައިސާ އިން ބޭނުން ނުކުރާކަަމުގެ ޔަގީން ކަން ދެއްވާ ކަަމަށެވެ. "ހައްޖަށް ދާން ފައިސާ ދެއްކި އެއްވެސް މީހެއްގެ ފައިސާ މި ކޯޕަރޭޝަނުން ހައްޖުގެ ކަންތަކަށް ނޫން ގޮތަކަށް ބޭނުން ކުރެވިފައި ނުވާނެ. މި ކޯޕަރޭޝަނުގެ މުވައްޒިފުންގެ މުސާރަ އާއި އެހެނިހެން ރިކަރަންޓް ހަރަދުތައް ކުރެވެމުން ދަނީ ހައްޖަށް ދާން ރައްޔިތުން ދައްކާ ފައިސާ އަކުން ނޫން،" އެ ބަޔާނުގައި ލިޔެފައިވެ އެވެ. ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ވޭތުވެ ދިޔަ ފަސް އަހަރު ތެރޭ ހައްޖުގެ ހަރަދުތައް ބޮޑުވަމުން ގޮސްފައިވާ ކަމަށާއި ނަމަވެސް އެ ކޯޕަރޭޝަނުން މީހުން ހައްޖަށް ގެންދަނީ އެއްއަގެއްގައި ކަމަށެވެ. އަދި އެ އަގަކީ އެކަމަށް ހިނގާ ހަރަދުތައް ދެކޮޅު ޖެހޭ އަގެއް ނޫން ކަމަށާއި އެ ކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. ހައްޖަށް ދިއުމަށް އެ ކުންފުންޏަށް ފައިސާ ދައްކާފައިވާ މުޅި ޖުމްލަ އަދަދަކީ 1817 މީހުން ކަމަށާއި އެ އެންމެން ހައްޖަށް ގެންދެވޭނެ ފައިސާ އެ ކުންފުނީގައި ހުންނާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. ޓްރާންސިޝަން ކޮމިޓީގެ ސަރުކާރު ކުންފުނިތަކާ ބެހޭ ސަބް ކޮމިޓީ އިން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ 300 މީހުން ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކައިފައިވާ ފައިސާގެ ތެރެއިން 30 މިލިއަން ރުފިޔާ އެ ކޯޕަރޭޝަނުން ބޭނުންކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ