އަންނަ މަޖިލީހެއްގައި އަންހެން ބޭފުޅުން އިތުރުވެގެންދާނެ ކަަމަށް އުއްމީދު ކުރަން: ގާސިމް
ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގައި މަޖިލީހަށް އިންތިޚާބު ވެވަޑައިގަންނަވާ އަންހެން ބޭފުޅުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މާމިގިލީގެ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.ޖުމްހޫރީ ޕާޓީގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އައިޝަތު ނާޒިމާގެ ކެމްޕެއިން ފެށުމަށް ބެއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، އަންހެނުންނަށް ދިމާވާ ކަންކަން އެނގޭނީ އަންހެނުންނަށް ކަމަށާއި އެކަންތައްތަކަށް ހައްލު ގެނައުމަށް ލަފާދޭން އެނގޭނީވެސް އަންހެނުންނަށް ކަމަށެވެ. އަދި މަޖިލީހުގެ މިދައުރުގައި މަޖިލީހުގައި ތިއްބަވަނީ ދެތިން އަންހެން ބޭފުޅުން ނަަމަވެސް ދެން އަންނަ މަޖިލީހެއްގައި އެ އަދަދު އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.ސިޔާސީ މައިދާނުގައާއި ޤާނޫނުތައް ހެދުމުގައި އަންހެނުންގެ ބައިވެރިވުން އޮންނަން ޖެހޭ ކަމަށާއި އެއީ ފިރިހެން ބޭފުޅުންނަށް އެނގިނުލައްވާ ވަރަށް ގިނަ ކަންތައްތައް އަންހެން ބޭފުޅުންނަށް އެނގިލައްވާނެތީ ކަމަށްވެސް ގާސިމްވަނީ ވިދާޅުވެފައެވެ. އެގޮތުން ގާސިމް މިސާލު ނެންގެވީ ގައިގައި މުލިއްސެއް ޖަހާ އޭގެ ވޭން ތަހައްމަލުކުރި މީހަކަށް މެނުވީ އެ ތަދުގައި ހުރި ވޭން އިހުސާސު ނުކުރެވޭނެ ކަމަށް ވިދާޅުވަމުންނެވެ.ގާސިމް އިތުރަށް ވިދާޅުވީ، ތަކްލީފެއް އުފުލާ މީހަކަށް މެނުވީ އެކަމެއްގެ ބޮޑުކަމާއި ކުޑަކަން ނޭނގޭނެ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު ހުޅަނގު ދާއިރާއަށް އައިޝަތު ނާޒިމާ ވާދަކުރެއްވުމަށް ނިންމަވައި ކެމްޕޭން ފަށާފައިވާއިރު، ދެން އެ ދާއިރާއަށް ކުރިމަތިލާފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ