ސުޕްރީމް ކޯޓަށް ލަފާދިނުމަށް ޖުޑީޝަލް ކައުންސިލެއް އުފައްދައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މަޝްވަރާދިނުމުގެ މަގުސަދުގައި ގާނޫނު އަސާސީން އެކޯޓަށް ލިބިދޭ ބާރުގެ ދަށުން ޖުޑީޝަލް ކައުންސިލެއް އުފައްދައިފިއެވެ.
މި ކައުންސިލް އުފައްދާފައިވަނީ ސުޕްރީމް ކޯޓުގެ ގަރާރަކުން މިއަދުއެވެ.
އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ސޮއި ކުރައްވައި، ސުޕްރީމް ކޯޓުން ނެރުނު ގަރާރުގައި ބުނެފައިވަނީ މި ކައުންސިލް އުފެދިފައިވަނީ އަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރުގެ ހިންގުން އޭގެ އެންމެ ފުރިހަމަ ގޮތުގައި އިންތިޒާމުކޮށް، ހަރުދަނާ ކުރުމުގެ ގޮތުން އެކަށައަޅަންޖެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި ފަނޑިޔާރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ޚިޔާލު ފާޅު ކުރެވޭނެ ހަރުދަނާ ފޯރަމެއް ޤާއިމްވެފައި އޮތުމަކީ، ބޭނުންތެރިކަމެއް ކަމަށް ފެނުމުން ކަމަށެވެ.
އަދި މިއީ ގާނޫނު އަސާސީއާއި ޤާނޫނުތަކުގެ ދަށުން ޢަދުލު އިންސާފު ޤާއިމް ކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން އުފެއްދި ކައުންސިލެއް ކަމަށްވެސް ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.
ޖުޑީޝަލް ކަައުންސިލްގައި 9 މެންބަރުން ތިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.
އެއީ:
އުއްތަމަ ފަނޑިޔާރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން
ހައިކޯޓުގެ އިސް ފަނޑިޔާރު
ސިވިލް ކޯޓުގެ އިސް ޤާޟީ
ކްރިމިނަލް ކޯޓުގެ އިސް ޤާޟީ
ފެމިލީ ކޯޓުގެ އިސް ޤާޟީ
ޖުވެނައިލް ކޯޓުގެ އިސް ޤާޟީ
ޑްރަގް ކޯޓުގެ އިސް ޤާޟީ
އަދި ދިވެހިރާއްޖޭގެ ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ ތެރެއިން ޢައްޔަންކުރެވޭ 2 މެޖިސްޓްރޭޓުން، މިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ