ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ، މަނަދޫ އިން ކަރަންޓު ކެނޑިއްޖެ

ނ. މަނަދޫ އިންޖީނުގޭގައި ބޭނުން ކުރަމުން އަންނަ ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ، އެރަށުން ކަރަންޓު ކެނޑިއްޖެއެވެ.
އެރަށު ކައުންސިލްގެ ރައީސް، މުޙައްމަދު އުމަރު ވިދާޅުވީ މައްސަލަ ޖެހިފައިވަނީ އެރަށު އިންޖީނުގޭގައި ބޭނުންކުރަމުން އަންނަ 600 ކިލޯވޯޓުގެ ޖަނަރޭޓަރަކަށްކަމަށެވެ. އަދި މިހާރު ކަރަންޓު ދިނުމަށް ބޭނުން ކުރަމުން ދަނީ އެންމެ 400 ކިލޯވޯޓުގެ ޖަނަރޭޓަރެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"600 ކިލޯވޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާތީ ރައްޔިތުންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެން. އަދި މިހާރު ކަރަންޓު ދެވިފައި އެވަނީ 400 ކިލޯވޯޓުގެ އިންޖީނަކުން ކަމުގައިވާތީ ވީހާވެސް މަދުން ކަރަންޓު ބޭނުން ކުރުމަށް ދަންނަވަން." ފޭސްބުކުގައި އޭނާ ވިދާޅުވިއެވެ.
އެގޮތުން، އެއަރ ކަންޑިޝަން އާއި އަވަން ފަދަ މަތީ ލޯޑު ހިފާ އެއްވެސް އެއްޗެއް އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރެވެންދެން ބޭނުން ނުކުރުމަށް އެދޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަހަކަށް އައިސް މާލެއާއި ރާއްޖޭގެ ގިނަ ރަށްރަށަށް ދަނީ ކަރަންޓުގެ މައްސަލަ ދިމާވަމުންނެވެ. އެގޮތުން ވަރަށް ފަހުން މ. މުއްޔަށް، ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ