ދެ ވަނަ ބުރުގައި ނަޝީދާ ދެކޮޅަށް އެންމެން ކޯލިޝަން ހަދާނެ: އުމަރު

ރިޔާސީ އިންތިހާބު ދެ ވަނަ ބުރަކަށް ދާންޖެހިއްޖެ ހާލަތެއްގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ބަލިކުރެއްވުމަށް އެހެން ހުރިހާ ކެންޑިޑޭޓުން ކޯލިޝަން ހަދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމަށް ތާއީދުކުރައްވާ އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އުމަރު ވިދާޅުވި ގޮތުގައި ދެ ވަނަ ބުރުގައި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއެކު ކޯލިޝަން ހަދަން ޖެހުނަސް އެ ކޯލިޝަނެއްގައި އޭނާ ހުންނަވާނެ އެވެ. "އަޅުގަނޑު ހުންނާނީ މި ފަހަރު މުހައްމަދު ނަޝީދާ ދެކޮޅަށް ހެދޭ ކޯލިޝަންގައި. މުހައްމަދު ނަޝީދާ ދެކޮޅަށް ހެދޭ ކޯލިޝަން ނޫން ތާކު އަޅުގަނޑު މި ފަހަރު ނުހުންނާނެ،" ދެ ވަނަ ބުރުގައި ޔާމީނަށް ތާއީދުކުރައްވާނެތޯ "ހަވީރުން" ސުވާލުކުރުމުން، ޕީޕީއެމްގެ ޕްރައިމަރީގައި ބަލިވި އުމަރު ނަސީރު ވިދާޅުވި އެވެ. ކުރީގެ ރައީސް ނަޝީދާއި ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އުމަރު އެ ދެބޭފުޅުން ސިފަކުރެއްވީ "ކޮލެރާ އާއި ޝިގެއްލާ" ގެ ގޮތުގައި އެވެ. އެއީ ބޭރަށް ހިންގުމުގެ ދެ ރޯގާ ކަމަށާއި ނަމަވެސް ދެ އެއްޗަށް ވޯޓުލާންޖެހިއްޖެ ނަމަ ވޯޓުލާނީ އެންމެ ވޭން ކުޑަ އެއްޗަކަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ޔާމީން ކަމަށް އުމަރުގެ ވާހަކަ އިން ދޭހަވެ އެވެ. "އެހެންވީމާ އަޅުގަނޑުމެން ނަގަންވީ ކޮލެރާތޯ؟، ސިގިއްލާތޯ؟ އަޅުގަނޑުމެންނަށް ޖެހިއްޖިއްޔާ މިތަނުން އެންމެ ޕެއިން ކުޑަ އެއްޗެއް ނަގާނީ. ކޮންމެ ގޮތެއް ވިޔަސް މުހައްމަދު ނަޝީދު ބަލިކުރުމަށްޓަކައި ހަދަންޖެހޭ ހުރިހާ ކޮމްޕްރޮމައިޒެއް ސިޔާސީ މައިދާނުގައި މި ތިއްބެވި ހުރިހާ ބޭފުޅުން ހައްދަވާނެ. ޑރ. ވަހީދު ވެސް ހައްދަވާނެ. ގާސިމް ވެސް ހައްދަވާނެ. އަދި ޔާމީން ވެސް ހައްދަވާނެ،" އުމަރު ވިދާޅުވި އެވެ. ނަޝީދަށް ތާއީދު ނުކުރައްވަނީ އެ މަނިކުފާނުގެ "ލާދީނީ" އުސޫލުތަކާއި މަސްތުވާތަކެއްޗާ އޮންނަ ގުޅުމުގެ ސަބަބުން ކަމަށް މިއަދު ވެސް އުމަރު ވިދާޅުވި އެވެ. ޔާމީނަކީ މަސްތުވާތަކެއްޗާއި ގޭންގުތަކާއި ކޮރަޕްޝަނާ ގުޅުން އޮންނަ މީހެއް ކަމަށް އުމަރު ތުހްމަތުކުރައްވަ އެވެ. ސެޕްޓެމްބަރު 7 ގައި ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީއާ ވާދަކޮށް ފުރަތަމަ ބުރުން ކާމިޔާބުކުރާނެ ކަމަށް ވެސް ޖުމްހޫރީ ޕާޓީން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ