އަބުދުﷲ ގާޒީ ހައްޔަރު ކުރީ މަޖުބޫރު ވެގެން: ތޮލްހަތު

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރީ އެނޫން ގޮތެއް ނެތިގެން މަޖުބޫރު ވެގެން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބުރާހީމު ކަލޭފާނު ވިދާޅުވެއްޖެއެވެ.
ޓައިމްސް އޮފް އިންޑިއާއަށް ދެއްވި ކުރު އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ތޮލްހަތު ވިދާޅުވީ އަބުދުﷲ ގާޒީ ހައްޔަރު ކުރުމަށް ރައީސް ނަޝީދު ނެރުއްވި އަމުރު ގާނޫނާ ހިލާފުކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެއަމުރަށް ތަބާވީ އެނޫން އެހެން ގޮތެއް ނެތިގެން މަޖުބޫރު ވެގެން ކަމަށް ތޮލްހަތު ވިދާޅުވިއެވެ.
"ދިވެހި ސިފައިންގެ ކުރަން ޖެހޭ ކަމެއް ފުލުހުން އެހީތެރިކަމަށް އެދުމުން އެހީތެރިވުމަކީ، އަޅުގަނޑު އަމަލު ކުރީ އެގޮތުގެ މަތިން. އެހެންވެ އަބުދުﷲ ގާޒީ ހައްޔަރު ކުރުމުގައި ފުލުހުންނަށް އެހީތެރިވެދިނުމަށް އެންގީ،" ތޮލްހަތު ވިދާޅުވެފައިވެއެވެ.
އަބުދުﷲ ގާޒީ ހައްޔަރު ކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި ކަމަށް ތޮލްހަތު އެއްބަސްވެވަޑައިގަންނަވާފައިވާ އިރު އެމައްސަލާގައި ތޮލްހަތުގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން މާދަމާ އޮންނާނެއެވެ.
ތޮލްހަތުގެ ވާހަކަތަކަށް ރައީސް ނަޝީދުގެ ފަރާތުން ދިފާއުވުމަށް ފުރިހަމަ ހެކި ހުރި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ހަސަން ލަތީފުވަނީ ވިދާޅުވެފައެވެ. ނަމަވެސް އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ހަސަން ލަތީފު ވިދާޅުވެފައިވެއެވެ.
ޓައިމްސް އޮފް އިންޑިއާއާއި ވާހަކަ ދެއްކެވި ނަމަވެސް އެކަމާއި ގުޅިގެން ތޮލްހަތަށް ސުވާލު ދެންނެވުމުން ޖަވާބު ނުދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ