އޭޑީކޭ އަށް ފައިސާތަކެއް ދެއްކުމަށް ކަސްޓަމްސްގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ސާ ޗާޖުގެ ގޮތުގައި ނަގާފައިވާ ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެއް މަސްދުވަހުގެ ތެރޭގައި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އަށް ދެއްކުމަށް ކަސްޓަމްސްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ސިވިލް ކޯޓުން މިގޮތަށް ހުކުމްކުރީ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންއިން ދުއްވާ ''އެމްވީ އޭޑީކޭ ހަސަންބޭ'' ބޯޓުން 7 އޮގަސްޓް 2008 ގެ ފަހުން ރާއްޖޭގެ އެކި ބަނދަރުތަކަށް ބޭލި މުދަލުގެ ސާޗާޖެއްގެ ގޮތުގައި ކަސްޓަމްސް ސާވިސް އިން ނަގާފައިވާ ފައިސާ އަނބުރާ ހޯދުމަށް ދައުވާ ކުރުމުންނެވެ. ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ދައުވާގައި ބުނެފައިވާ ސާޗާޖަކީ އާންމު ގަވާއިދުތަކުގެ ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނިފައިވާ ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން ނެގޭ އެއްޗެއް ކަމަށް ދައުލަތުން ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ގަވާއިދު އެގޮތަށް އިސްލާހްކޮށްފައި ވަނީ 28 ޖުލައި 2009 ގައި ކަމަށާއި އެހެން ނަމަވެސް އޭޑީކޭގެ ދައުވާގައި ބުނެފައި ވަނީ އެ ތާރީހުގެ ކުރިން ނަގާފައިވާ ސާޗާޖެއްގެ ވާހަކަ ކަމަށެވެ. އެހެންކަމުން އެ އިސްލާހު ގެނައުމުގެ ކުރިން އަމަލު ކުރެވުނު ގަވާއިދުގައި ދައުވާގައި ބުނެފައިވާ ސާޗާޖް ނެގޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ ދައުލަތުން އެ ގަވާއިދާ ހަވާލާދިނުމަކީ ރަނގަޅު ހަވާލާ ދިނުމެއް ނޫން ކަމަށް ވެސް ހުކުމުގައި ވެ އެވެ. ''އެމްވީ އޭޑީކޭ ހަސަންބޭ'' އިން ބޭލި މުދަލުގެ ސާޗާޖްގެ ގޮތުގައި ކަސްޓަމުން ނަގާފައިވާ އެ ފައިސާއަކީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ނެގިފައިވާ ފައިސާއެއް ކަމަށް ބެލެވެން ނެތުމުން މާޗް 11 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އަށް ދެއްކުމަށް ކަސްޓަމްސްގެ މައްޗަށް އަންގައި ހުކުމްކުރާ ކަމަށް ހުކުމުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ