ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި އެ ކޯޓުގެ ނިންމުންތައް ތަންފީޒު ވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
ދަށު ކޯޓްތަކަށް އަލަށް ލެއްވި ފަނޑިޔާރުންގެ ހުވާ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖޭގައި ގާނޫނީ ވެރިކަން ނެގެހެއްޓުމަށް އެއްވެސް ފަނޑިޔާރަކު ފަސް ނުޖެހުމަށާއި ފަނޑިޔާރުންނާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފަތުރާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށާއި ސުޕްރީމް ކޯޓުގެ ނިންމުންތައް ތަންފީޒުވާނެ ކަމަށާއި ސުޕްރީމް ކޯޓްގެ ނިންމުންތައް ތަންފީޒު ކުރާނެކަން ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ވެސް އަންގާފައިވާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ފަނޑިޔާރުންނަކީ ގޮވާލެވޭ ކޮންމެ ވަގުތެއްގައި އަދުލު އިންސާފު ގާއިމް ކުރަން ތައްޔާރަށް ތިބެންޖެހޭ ބައެއް ކަމަށާއި މިދުވަސްވަރަކީ ރާއްޖޭގެ ޝަރުއީ ނިޒާމާއި މެދު ތަފާތު ގޮތްގޮތަށް ދެކެމުން އަންނަ ދުވަސްވަރަކަށްވާތީ އެފާޑު ކިއުންތަކަށް ނިމުމެއް ގެނެވޭނީ މުޅި ޝަރުއީ ދާއިރާ އެކައްޗެއް ކިޔައިގެން ކަމަށެވެ.
އަދި ވިދާޅުވީ މުހިންމީ ގާނޫނާއި އެއްގޮތަށް ޢަމަލުކުރުން ކަމަށާއި، "ބަޔަކު ދައްކާނެ ބިރަކަށް އަދި ދައްކާފާނެ ވާހަކައަކަށް ފަންޑިޔާރުން އެމީހުންގެ ގާނޫނީ ވާޖިބު އަދާކުރަން ފަސްޖެހިގެން ނުވާނެ" ކަމަށެވެ. "ފަނޑިޔާރުން ވާޖިބަކީ އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީ އާއި އެއްގޮތަށް އަދުލު އިންސާފާއެކު ޙުކުމް ކުރުން. އިސްލާމްދީނާއި ގާނޫނުގެ ހުދޫދުގެ ބޭރުން ފަނޑިޔާރަކަށް އެއްވެސް ނިންމުމެއް ނުނިންމޭނެ."
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖޭގައި އަދުލު އިންސާފު ގާއިމް ކުރުމަކީ ފަނޑިޔާރުގެ އެންމެ މުހިންމު ވާޖިބު ކަމަށާއި، ފަނޑިޔާރެއްގެ މައްޗަށް ޝަކުވާއެއް ނުވަތަ ހިންހަމަ ނުޖެހުމެއް އޮތުމަކީ، ފަނޑިޔާރުގެއިން ނިންމާ ހުކުމްތައް ތަންފީޒު ނުކުރެވެންވީ ސަބަބެއް ނޫން ކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭންވާނީ ސައްހަ މައުލޫމާތު ކަމަށާއި އޭގެ ބަދަލުގައި ރައްޔިތުންނަށް އޮޅުވާލައި ފަނޑިޔާރުގެ އާއި ފަނޑިޔާރުންނާބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފަތުރާނަމަ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ވެސް އެމަނިކުފާނު ދެއްވި އެވެ.
ދަށު ކޯޓްތަކަށް އަލަށް ލެއްވި ފަނޑިޔާރުންނަށް އިޝާރާތް ކުރައްވާ ފާއިޒު ވިދާޅުވީ މަގާމާއި ހަވާލުވާއިރު، ކޮންމެ ބޭފުޅަކަށް ވެސް ވަރަށް ގިނަ މަސްއޫލިއްޔަތު ތަކެއް ހަވާލުވެގެންދާނެ ކަމަށާއި އެ މަސްއޫލިއްޔަތު އިސްލާމްދީނާއި ގާނޫނު އަސާސީގެ ހުދޫދުގެ ތެރެއިން، އިންސާފުވެރި ކަމާއި ހަމަހަމަ ކަމާއެކު ކުރިއަށްގެންގޮސް ގާނޫނީ ވާޖިބު އަދާ ކުރަން ފަހަތައް ޖެހިވަޑައި ނުގެންނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. (ތަފުސީލު އަންނަނީ)
"ސުޕްރީމް ކޯޓުގެ ނިންމުންތައް ތަންފީޒުވާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ