ބޭރު ދުނިޔެއާ ސަރުކާރާ ގުޅުން ކަނޑުވާލުމަށް އެމްޑީޕީން ކުރި މަސައްކަތްތައް ނާކާމިޔާބު:އިއްތިހާދު

ބައިނަލް އަގުވާމީ މުޖުތަމައާއި، ސަރުކާރާ ދެމެދު އޮތް ގުޅުން ކަނޑުވާލުމަށް އެމްޑީޕީން ކުރަމުން ދިޔަ މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށައި، މުޅި ދުނިޔެއިން ސަރުކާރު ބަލައިގެންފައިވާ ކަމަށް 23 ޑިސެމްބަރު އިއްތިހާދުން ބުނެފިއެވެ.
23 ޑިސެމްބަރު އިއްތިހާދުން އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑީއާރޕީގެ ނައިބް ލީޑަރު އިބްރާހީމު ޝަރީފު ވިދާޅުވީ، ބައިނަލު އަގުވާމީ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ވަކިވުމަށް އިއްތިހާދަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުން މަސައްކަތް ކުރަމުން ގެންދެވި ނަމަވެސް އެއީ އިއްތިހާދުގެ ވިސްނުމެއް ނޫން ކަމަށާއި، ބައިނަލް އަގުވާމީ ކޮންމެ ޖަމިއްޔާއަކީ ވެސް ރާއްޖެއަށް މުހިއްމު ޖަމިއްޔާއެއް ކަމަށެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާނު އަބުދުﷲ ވިދާޅުވީ، ކޮމަންވެލްތާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ހީނަރު ކުރުމަށް ކުރީގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، އެގުޅުން ބަދަހިވެ ރަނގަޅުވެފައިވާ ކަން ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުން ހާމަވާ ކަމަށެވެ.
ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން އިބްރާހީމު ޝަރީފު ވިދާޅުވީ، ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންތައްތަކަސް ވަންނަ ނަމަ އެވާހަކަ ކޮމަންވެލްތާއި ދިމާލަށް ގޮވާނެ ކަމަށެވެ. އަދި ކޮމަންވެލްތުން މީގެ ކުރިން ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ނުފޫޒް ފޯރުވަން މަސައްކަތް ކުރި ކަމަށް ކުރެވޭ ތުހުމަތުތައް އެގޮތުގައި އޮތް ކަމަށް ޝަރީފު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ