ސްކޫލް ކުދިންގެ ފޮތް ދަބަހުގެ ބަރުދަން ވަކި މިނެއްގައި ބަހައްޓަން އަންގައިފި
މުމްބާއީ (ޖުލައި 26) - ކުދިން ސްކޫލަށްދާ އިރު ފޮތް ދަބަސް އާދަޔާޚިލާފަށް ބަރުކޮށް ފެނުމަކީ އާއްމު ކަމެކެވެ. އެކަމަކު އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓުން ވަނީ މި ކަމަށް ހައްލެއް ހޯދުމަށް ބެލެނިވެރިންނަށް އަންގައިފަ އެވެ. އިންޑިއާގެ ހުޅަނގުގެ ސްޓޭޓުގެ ސަރުކާރުން އަންގާފައި ވަނީ އެއްވެސް ކުއްޖެއްގެ ބަރުދަނުގެ 10 ޕަސެންޓަކަށް ވުރެ އެ ކުއްޖެއްގެ ސްކޫލް ދަބަސް ބަރުވެގެން ނުވާނެ ކަމަށެވެ. އަދި ގްރޭޑް އެކެއްގައި ކިޔަވާ އުމުރުން ފަސް އަހަރުގެ ކުދިން ސްކޫލަށް އަންނަ އިރު ފޮތް ދަބަހުގެ ބަރުދަން ބަލާފައި އައުމަށް ވަނީ އަންގައިފަ އެވެ. ކްލާހުގައި ޓީޗަރުން ވެސް ދަބަހުގެ ބަރުދަން ބަލާނެ އެވެ. ގްރޭޑް އެެެކެއްގެ ކުދިންގެ ފޮތް ދަބަހުގެ ބަރުދަން 2.5 ކިލޯ އަށް ވަރެ ބަރުވެގެން ނުވާނެ އެވެ. ގްރޭޑް އަށެއްގައި ކިޔަވާ އުމުރުން 12 އަހަރުގެ ކުދިންގެ ފޮތް ދަބަސް 4.2 ކިލޯ އަށް ވުރެ ބަރުވެގެން ނުވާނެ އެވެ. ސްޓޭޓް ސަރުކާރުން ބުނީ މި ގޮތަށް އަމަލު ކުރަން ޖެހުނީ ކިޔަވާ ކުދިންނަށް ލިބިދާނެ އަނިޔާއަކުން ސަލާމަތް ކުރުމަށް ކަމަށެވެ. ފޮތް ދަބަސް ބަރުވުމަކީ ކުދިންގެ މައިބަދަ އަށް ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. "އުުސޫލެއްގެ ގޮތުން ކިޔަވާ ކުދިންގެ ފޮތް ދަބަސް އެ ކުދިންގެ ބަރުދަނުގެ 10 ޕަސެންޓަށް ވުރެ ބަރުވެގެން ނުވާނެ. އެކަމަކު ބޯ ފޮތްތަކާ އެކު ބައެއް ކުދިންގެ ދަބަހުގެ ބަރުދަން އެ ކުދިންގެ ބަރަށް ވުރެ 20 ނޫނީ 30 ޕަސެންޓް ބަރުކަން ފާހަގަ ކުރެވޭ،" ސްޓޭޓުގެ އެޑިއުކޭޝަން ސެކްރެޓަރީ ނާންދު ކުމާރު ވިދާޅުވި އެވެ. "މިއީ ނުރައްކާ ކަމެއް. މީގެ ސަބަބުން ކުދިންގެ މައިބަދަ އާއި ހުޅުތަކަށް ގެއްލުން ލިބޭ. އަދި ކުދިން ވަރުބަލިވެ ސްޓްރެސް ބޮޑުވޭ." އިންޑިއާގައި ތައުލީމުގެ ވާދަވެރިކަން އޮތް މިންވަރަށް ބަލާއިރު ޓިއުޝަނުގައި ކިޔަވާ ފޮތްތައް ވެސް ބައެއް ކުދިން ސްކޫލް ދަބަހަށް އަޅައިގެން ސްކޫލަށް ގެންދެ އެވެ. ސްޓޭޓް ސަރުކާރުން ބުނީ ޓީޗަރުން ދޭ ހޯމްވޯކާއި ޓައިމް ޓޭބަލުގެ އިތުރުން އެ ދުވަހެއްގެ ކިޔަވަން ބޭނުންވާ ފޮތްތައް ނޫން ފޮތްތަކާއި ތަކެތި ކުދިން ސްކޫލަށް ގެންދޭތޯ ބެލެނިވެެރިން ވެސް ބަލަން ޖެހޭނެ ކަމަށެވެ. ކުދިންގެ ދަބަސް ބަރުކޮށް ހުރި ނަމަވެސް ދޭނެ އަދަބެއް މަހާރާޝްތުރާ ސްޓޭޓް ސަރުކާރުން ނެރުނު ލިޔުމުގައި ބުނެފައެއް ނުވެ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ