އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ވުރެވެސް މުހިއްމު އިންތިހާބެއް ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭ މ. ކުނޫޒުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް މައުމޫން ވިދާޅުވީ ހޮނިހިރު ދުވަހުގެ އިންތިހާބަކީ ދިވެހި ރައްޔިތުން މުހިއްމު ނިންމުމެއް ނިންމާނެ އިންތިހާބެއް ކަމަށެވެ. އެގޮތުން އެދުވަހު ރައްޔިތުން ވޯޓްލާން އޮތީ ދެ ފިކުރު ކަމަށާއި އަދި މިއީ ރާއްޖެ ދަތުރު ކުރާ މިސްރާބު ކަނޑައަޅާ އިންތިހާބު ކަމަށެވެ.
"ފަހަރާތުގައި ޕީޕީއެމްއާ އަޅުގަނޑުމެންނަށް ތާއީދުކުރާ ފަރާތުގައި މި އޮތީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމު ދިފާއުގައި މަސައްކަތް ކުރުން. އަނެއް ފަރާތުގައި އޮތީ އޭގެ އިދިކޮޅު. އެހެން ގޮތެއް. އަޅުގަނޑުމެންގެ ގައުމަށް އެހެން ދީންތައް އަތުވެއްޖެނަމަ އަޅުގަނޑުމެންގެ ތެރޭގައި ފިތުނަ ފަސާދަ އުފެދޭނެ. އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ހަމަޖެހުން ގެއްލިގެންދާނެ. އަޅުގަނޑުމެންގެ އިސްތިގުލާލަށް އިސްތިގުލާލަށް އަސަރުކުރާނެ. މިއީ އަޅުގަނޑުމެންނަށް މި އިންތިހާބު މުހިއްމުވާ މައިގަނޑު ސަބަބަކީ" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ޕީޕީއެމަށް ތާއީދުކުރަން ނިންމާފައިވާ ނިންމުމަށް ވަރަށް ބޮޑަށް އުފާކޮށް ޖުމްހޫރީ ޕާޓީގެ ހުރިހާ މެންބަރުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި ޖޭޕީގެ ނިންމުމާއެކު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއާ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް ﷲގެ ރަހްމަތްފުޅާއިއެކު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި ޕީޕީއެމްއާ އެހެން ޕާޓީ ތައް ގުޅިގެން އުފައްދާފައިވާ ކޯލީޝަންގެ ވެރިކަމެއްގައި ދިވެހި ރައްޔިތުންނަށް އުފާފާގަތިކަމާއި ހެޔޮ ގޮތްތައް މެދުވެރިވެގެންދާނެ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ރައީސް މައުމޫން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ގައުމީ ހިދުމަތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ އެމަނިކުފާނުގެ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ ގާސިމް އިބްރާހީމަކީ ކޮން ބޭފުޅެއްކަން އަބަދުވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާ ގާސިމަކީ އަބަދުވެސް ދިވެހި ގައުމަށް ހެޔޮއެދޭ އިސްލާހަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ގާސިމް އިބްރާހީމަށް ވަޑައިނުގެންނެވުނީ ފަހަރެއްގައިވެސް އެމަނިކުފާނަށް ދިވެހި ރައްޔިތުން ތާއީދު ނުކުރައްވާތީ ނޫން ކަމަށާއި، އެގޮތަކަށް ދެކިވަޑައިނުގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ ހަތަރަރު ގަޑިއިރުގެ ބައްދަލުވުމަކަށް ފަހު ޔާމީނަށް ތާއިދު ކުރަން ޖޭޕީން ނިންމުމުން ގާސިމަށާއި އެޕާޓީގެ މެންބަރުންނަށާއި ކައުންސިލަށް ޝކުރު ދަންނަވާ ކަމަށާއި ގާސިމްގެ އެ ނިންމެވުމަކީ ކުރިން ވެސް ކުރެއްވި ގައުމީ ހިދުމަތް އިތުރަށް ސާބިތުކޮށްދޭ ކަމެއް ކަމަށެވެ. ގާސިމަކީ ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށާއި އަބަދުވެސް އިސްކުރައްވާފައިވަނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު ކަމަށާއި ޕީޕީއެމާއި ގުޅެން ނިންމުމަކީ ވެސް ގާސިމް ރައްޔިތުންނާ ގައުމުގެ ދެކެ ވެވަޑައިގަންނަވާ ލޯބި ރަމްޒްކޮށްދޭ ކަމެއް ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
"ހަގީގަތުގައި ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވި. އަދި އެކުގައި މަސައްކަތް ކުރުމުގެ ވާހަކަ ދެންނެވުމުން ވަރަށް މަރުހަބާކީ އެދި މޭންޑޭޓެއް ދެއްވި. އެހިސާބުން ދެފަރާތުން ވާހަކަ ދެއްކުމަށްފަހު ގޮތެއް ހުށަހެޅީ އެ ހުށަހަޅުން ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ހުށަހަޅައިގެން އެގޮތަށް ނިމިގެން އެދިޔައީ" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ރޭ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށްވެސް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާފަ އެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ ރައީސް ވަހީދުގެ ރިޔާސީ ދައުރު ހަމަވުމުން ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރެވެދެން މަގާމުގައި ހުންނެވުމަށް ރައީސް ވަހީދު ނިންމެވި ނިންމެވުމަކީ ހިތްވަރު ގަދަ ގައުމީ ނިންމުމެއް ކަމަށެވެ.
މައުމޫން ވިދާޅުވީ ރައީސް އެ ނިންމެވުން ނިންމެވީ ވަރަށް ބޮޑެތި ފިއްތުންތަކެއްގެ ކުރިމަތީގައި ކަމަށާ ގައުމާއި ރައީސް ވަހީދު ދިވެހި ރައްޔިތުންގެ ހައްގުގައި ދެއްކެވި ސާބިތުކަމަށް ދިވެހި ރައްޔިތުން ފަޚުރުވެރިވާނެ ކަމަށެވެ.
"ރައީސް ވަހީދަށް އޮތް މަގާމުން އިސްތިއުފާ ދެއްވުމުގެ ފުރިހަމަ އިހްތިޔާރު. ވަރަށް ދަތި އުނދަގޫ ދަނޑިވަޅެއްގައި ރައީސް ނިންމެވުމެއް އެ ނިންމެވީ. އެ މަނިކުފާނަށް އޮތް ދައުރު ނިމުމުގެ ކުރިން އިސްތިއުފާ ދެއްވުމަށް ވެސް. އެއީ އެމަނިކުފާނަށް ފަސޭހަ ގޮތަކަށް ވެސް ވާނެ. އެކަމަކު ގައުމުގެ މަސްލަހަތައްޓަކައި އެމަނިކުފާނު ނިންމެވީ ސުޕްރީމް ކޯޓުންގެ ހުކުމާ އެއްގޮތަށް ވެރިކަމުގައި ދެމިހުންނަވަން. ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލަކީ ދުސްތޫރީ ގޮތުން ދުނިޔެ ޕްރެކްޓިސް ކުރަމުންދާ އުސޫލެއް" ރައީސް މައުމޫން ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ގާސިމްގެ އިހްލާސްތެރި މަސައްކަތްތަކަށް ހުރިހާ ދިވެހި ރައްޔިތުންވެސް ހެކިވާނެ ކަމަށާއި، ގާސިމް އިބްރާހީމަކީ ހިދުމަތުގެ ރެކޯޑުން ފުރިފައިވާ ބޭފުޅެއް ކަމަށެވެ.
"ގައުމު ބިނާކުރުމާއި އާރާސްތުކުރުމުގައި ގާސިމް ފަދަ އިޚްލާސްތެރި ދައުރެއް އަދާކުރައްވާފައިވާ ދެވަނަ ލީޑަރަކު ނުހުންނާނެ. އެފަދަ ލީޑަރަކު ޕީޕީއެމްއަށް ތާއީދުކުރަން ނިންމުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް. އެއީ ދިވެހި ރައްޔިތުން އެކަމާއި އުފާކުރާނެ ނިންމުމެއް" ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްއާއި އެމްޑީޕީގެ ދެމެދުގައި ވަރަށް ބޮޑު ތަފާތެއްވާ ކަމަށާ ނޫސްވެރިންގެ ރޭގެ ބައްދަލުވުމުގައި ތިއްބެވި ކޮންމެ ބޭފުޅަކީ ވެސް ނަޝީދުގެ ވެރިކަމުގައި އަނިޔާ ލިބިފައިވާ ބޭފުޅުން ކަމަށެވެ. އެހެންނަމަވެސް ޕީޕީއެމްގެ ސަރުކާރެއްގައި އެއްވެސް ރައްޔިތަކަށް ތަފާތު ނުކުރާނެ ކަމަށާ ހުރިހާ ރައްޔިތުންނަށް ހައްގުތައް ކަށަވަރުވެފައިވާ ސަރުކާރެއް ގާއިމްކޮށްދޭނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ޖަމީލް ވިދާޅުވި އެވެ.
ޕީޕީއެމްގެ އޮތީ އިސްލާމްދީނާއި ގައުމު ދިފާއު ކުރުމުގެ ފިކުރު: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ