ސުޕްރީމް ކޯޓުގެ އަމުރު ގަބޫލެއް ނުކުރަން: ތަސްމީން
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު، ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ފަސްކުރުމަށް އެ ކޯޓުން އިއްޔެ ނެރުނު އަމުރު ގަބޫލުނުކުރައްވާ ކަމަށް ދެ ވަނަ ބުރުގައި އެމްޑީޕީ އަށް ތާއީދުކުރަން ނިންމާފައިވާ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވެއްޖެ އެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރެއްވި ރައީސް މުހައްމަދު ވަހީދުގެ ރަނިން މޭޓު ތަސްމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގެ ނިންމުން ނިންމާނީ ކޯޓުން ނޫން ކަމަށާއި އެއީ ރައްޔިތުންގެ ނިންމުމެއް ކަމަށެވެ. ތަސްމީން ފޯނަށް ޖަވާބު ނުދެއްވާތީ އެކަމުގައި އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. އިންތިހާބުގެ ދެ ވަނަ ބުރު ފަސްކުރަން އަމުރު ނެރެފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ އެމްޑީޕީން ރޭ ވަނީ އިހްތިޖާޖަށް ނުކުމެފަ އެވެ. އަދި ކޯޓުގެ ހުކުމަށް ނުބަލައި، އިންތިހާބު ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ކުރިއަށް ގެންދިއުމަށް ވެސް އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ގޮވާލައްވައިފަ އެވެ. ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރަކު ސޮއިކުރައްވައި ނެރުއްވި އަމުރުގައި ވަނީ އެ ކޯޓުން ބަލަމުން ދާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ ށ. ގެ ދަށުން، އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަމުރުކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ