ސިފައިން ޓީވީތަކަށް ސިޓީ ފޮނުވީ ސިޔާސީ ފަރާތްތަކުން މަޖުބޫރުކޮށްގެން: މަދަނީ އިއްތިހާދު
އިސްލާމްދީން ހިމާޔަތްކުރުމަށް ގޮވާލައި ހުކުރުދުވަހު ބޭއްވި ބޮޑު މުޒާހަރާގައި ހިނގާފާނެ ކަމަށް ބެލެވޭ ބައެއް ކަންތައްތައް ނުފޮނުވުމަށް އަންގައި ޓީވީ ސްޓޭޝަންތަކަށް އެމްއެންޑީއެފުން ސިޓީ ފޮނުވީ ސިޔާސީ ފަރާތްތަކުން މަޖުބޫރުކޮށްގެން ކަމަށް ގަބޫލުކުރައްވާ ކަމަށް މަދަނީ އިއްތިހާދުގެ ރައީސް މުހައްމަދު ދީދީ ރޭ ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ޕާޓީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އޭނާ ވަނީ ސިޔާސީ ކަންކަމުގެ ތެރެއަށް ސިފައިން ނުވެއްދުމަށް ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފަ އެވެ. މުހައްމަދު ދީދީ ވިދާޅުވީ ޓީވީ ޗެނަލްތަކަށް އެމްއެންޑީއެފުން ސިޓީ ފޮނުވީ ގާނޫނީ އިމުގެ ތެރެއިންތޯ ބަލަންޖެހޭ ކަމަށެވެ. އަދި އެކަން ސިފައިން ކޮށްފައި ވަނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެއީ ސިފައިންނަކީ މަދަނީ ކަންކަމާ ބެހިލައްވާ ބައެއް ނޫން. އެމީހުންގެ ގާނޫނަކު މަދަނީ ކަންކަމާ ނުބެހެވޭނެ. އެއީ ފުލުހުންގެ ކަމެއް. ފުލުހުންނަށް ކަމެއް ނުބެލެހެއްޓިގެން، މަސްލަހަތު ނުބެލެހެއްޓިގެން ސިފައިންގެ އެހީއަށް އެދިއްޖެ ހާލަތެއްގައި، އެ ވެސް ހޯމް މިނިސްޓަރު މެދުވެރި ކުރައްވައި އެދިއްޖެ ހާލަތެއްގައި ]ސިފައިން[ އެހީތެރިކަން ފޯރުކޮށްދެނީ. އެއީ ހަގީގަތުގައި ފުލުހުންގެ ކަމެއް ]ސިފައިން[ އެ ކުރެއްވީ،" މުހައްމަދު ދީދީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގާނޫނީ އިމުގެ ބޭރުން ސިފައިން ލައްވައި ސިޔާސީ ފަރާތްތަކުން ކަންތައް ކުރުވުމަކީ ގައުމަށް ލިބޭނެ ގެއްލުމެއް ކަމަށެވެ. އަދި އެއީ ޑިމޮކްރެސީއަށް އޮތް ނުރައްކަލެއް ކަމެއް ކަމަށް ވެސް މުހައްމަދު ދީދީ ވިދާޅުވި އެވެ. މުހައްމަދު ދީދީ ވިދާޅުވީ ޓީވީ ސްޓޭޝަންތަކުން ވަކި އެއްޗެހިތަކެއް ނުފޮނުވުމަށް އަންގައި އެމްއެންޑީއެފުން ސިޓީ ފޮނުވުމުން އެ ދެވެނީ ވަރަށް ނުރައްކާތެރި މެސެޖެއް ކަމަށެވެ. "މިހާރު މި ގައުމުގެ މި ހާލަތު މި އޮތް ގޮތަކީ ސިޔާސީ މީހުންގެ، ރައީސުލްޖުމްހޫރިއްޔާގެ ހިތްޕުޅުގައި އެ ވަނީ އަސްކަރީ ވިސްނުން. މިހާރު އަޅުގަނޑުމެންނަށް ދޭހަވެގެން މިދަނީ އަޅުގަނޑުމެންގެ މިލިޓަރީ ބޭފުޅުންގެ ވިސްނުންފުޅުގައި ސިޔާސީ ވިސްނުމޭ މިހިރީ. އެހެންވީމަ މިއީ ވަރަށް ނުރައްކާތެރި ކަމެއް. މިކަމާ އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަންޖެހޭނެ،" އޭނާ ވިދާޅުވި އެވެ. މުހައްމަދު ދީދީ ވިދާޅުވީ އިސްލާމްދީނާއި ގާނޫނު އަސާސީ ހިމާޔަތްކުރުމަކީ ސިފައިންގެ ކޮންމެ މީހަކު ކުރަން މަޖުބޫރު ކަމެއް ކަމަށެވެ. އަދި އިސްލާމްދީނާ ދެކޮޅަށް ހިންގާ ކޮންމެ ހަރަކާތަކަށް ސިފައިން އިންކާރު ކުރަންޖެހޭ ކަމަށް މުހައްމަދު ދީދީ ވިދާޅުވި އެވެ. ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް މޫސާ އަލީ ޖަލީލް ސޮއިކުރައްވައި، ޓީވީ ސްޓޭޝަންތަކަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ހިތްވަރުދޭ އެއްވެސް ކަމެއް އަދި އެއްވެސް ފަރާތަކަށް އަނިޔާކުރުމަށާއި މާރާމާރީ ހިންގައި ލޭއޮހޮރުވުމަށް ހިތްވަރުދޭނެ އެއްވެސް އަމަލަކަށް މުޒާހަރާގެ ބައިވެރިން ގޮވާލައި ނުވަތަ އެފަދަ އަމަލެއް ހިންގާ ތަން ދުރަކަށް ނުފޮނުވޭނެ އެވެ. އަދި ސަރުކާރާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމަށް ހިތްވަރުދޭނެ އެއްވެސް ކަމެއް ކުރުމަށް މުޒާހަރާގެ ބައިވެރިން ގޮވާލުން ނުވަތަ މުދަލަކަށް ގެއްލުންދޭ މަންޒަރެއް ނުދެއްކުމަށް ވެސް އެ ސިޓީގައި އަންގާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ