ނަޝީދު މައްސަލައިގެ އިސްތިއުނާފް ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފްކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުން ބާތިލް ކޮށްދިނުމަށް އެދި އެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހައި ކޯޓުގައި އެ އޮފީހުން ކުރި އިސްތިއުނާފަކީ ގާނޫނު އަސާސީން ބާރު ލިބިގެން ކޮށްފައިވާ އިސްތިއުނާފެއް ކަމަށެވެ. އަދި ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފް ކުރުމުގެ ހައްގު އެ މަނިކުފާނަށް އޮތް ކަން ހައި ކޯޓުން ފާހަގަ ކޮށްފައިވާއިރު މިހާތަނަށް އެ ހުކުމް އިސްތިއުނާފް ކޮށްފައި ނުވާ ކަމަށާއި އަދި ޕީޖީން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފް ކުރިއަށް ގެންދިޔުމަށް އެއްބާރުލުން ދީފައި ނުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ. "ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފް ބަލައިގަތުމުގެ ހުއްދަ ދެވެން ނެތް ކަމަށް ކޯޓުން ނިންމި ނިންމުން، މި އޮފީހުން ދިރާސާ ކުރިއިރު އެ ނިންމުމަށް ވާސިލްވުމަށް ކޯޓުން ގާނޫނު ތަތުބީގު ކޮށްފައިވަނީ އެންމެ ރަނގަޅަކަށް ކަމަށް ޕީޖީ އޮފީހަކުން ނުދެކެ އެވެ. އަދި މައްސަލައިގެ މައުލޫއާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު މައްސަލައިގެ އެއްވެސް ހަސްމަކަށް ދީފައި ނުވާއިރު، މައުލޫއީ ގޮތުން ބައެއް ނުކުތާތަކާ މެދު ކޯޓުން ގޮތެއް ނިންމާފައި ނެތްކަން ވެސް ފާހަގަ ކުރަމެވެ." ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައި ވެ އެވެ. އެ ބަޔާނުގައި ބުނިގޮތުގައި އެ އޮފީހުން ސުޕްރީމު ކޯޓަށް ހުށަހެޅި އިލްތިމާސް ބިނާވެފައިވަނީ އެ ދެ އަސާސްގެ މައްޗަށެވެ. ޕީޖީ އޮފީހުން ބުނީ އެތަނުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފުން، ގާނޫނާ ހިލާފު ނުވަތަ ބާތިލް އިޖުރާއަތަކަށް ކްރިމިނަލް ކޯޓުގެ ޝަރީއަތް ހިންގާފައި ނުވާކަން ދައްކައި ނުދޭކަން ވެސް ހައި ކޯޓުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، ނަޝީދުގެ ފަރާތުން އިސްތިއުނާފް ހުށަހަޅާފައި ނުވާތީ އިސްތިއުނާފް ބަލައިގަނެވެން ނެތް ކަމަށް ވެސް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ. "މި ސަބަބުތައް މިހެން ހުރުމުން، ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިލްތިމާސްގައި، ޖިނާއީ މައްސަލައެއް އިސްތިއުނާފަށް ހުށަހެޅުމުގެ ދުސްތޫރީ ބާރު ޕީޖީއަށް ލިބިގެންވާ ކަމަށް ފާހަގަ ކޮށްފައި ވާނެ އެވެ." ބަޔާނުގައި ބުނެފައި ވެ އެވެ. ޕީޖީން ބުނިގޮތުގައި އެތަނުން ދެކެނީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ނިންމަން ޖެހޭނީ ދައުވާ ކުރާ ނުވަތަ ދައުވާ ލިބޭ ފަރާތަކީ ކޮންމެ ފަރާތަކަށް ވިޔަސް ގާނޫނުތަކާއި އަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށެވެ. އަދި ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާ މެދު ދެން އެޅުން އެންމެ އައުލާކަން ބޮޑު ފިޔަވަޅަކީ އެކަމާ ގުޅޭގޮތުން ސުޕްރީމު ކޯޓުން ގޮތެއް ނިންމުން ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ